ޣައްސާން މައުމޫން

ހުކުމް ކޮންމެ ގޮތަކަށް އަޔަސް ދާނީ ކުރިއަށް: ގައްސާން

މާދަމާގެ ހުކުމް ކޮންމެ ގޮތަކަށް އައި ނަމަވެސް ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާ އަދި އިދިކޮޅު ހަރަކާތްތަކަށް ވެސް ހުއްޓުމެއް ނާންނާނެ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ނިންމައި ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ޗެނަލް 13ގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫން ވިދާޅުވީ ޖަލަށް ލެއްވިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ނިކުމެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވާފައިވާ ކަމަށެވެ.

"ރައީސް ޔާމީން ހުންނެވީ ވަރަށް އިހުލާސްތެރިކަމާ، ސާބިތުކަމާއެކު ކުރިމަތިވީ ކޮންމެ ކަމަކާ މާތްﷲގެ ވާގިފުޅާއެކު ކުރިމަތިލެއްވުމަށް ތައްޔާރަށް ކަމަށްވެސް އަޅުގަނޑުމެންނަށް ވަނީ ދަންނަވާފައި، މިއީ ކުރު ރާސްތާގައި ރައީސް ޔާމީންގެ އަޑުކަނޑުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށްވެސް ގަބޫލުކުރެވެނީ، ހުރަގެއެއްގައި ހައްޔަރުކޮށްގެން އެމަނިކުފާނު ބަހައްޓަވައިިފިނަމަ މިހާރަށްވުރެ މަދުވާނެ ޓީވީގެ ޒަރިއްޔާއިން ނުވަތަ ފޯނުގެ ޒަރިއްޔާއިން އެމަނިކުފާނުގެ ވާހަކަތައް ރައްޔިތުންނަށް ގެނެސްދެވޭނެ މިންވަރު، އެ ނޫންކަމެއް ނުވާނެ،" ގައްސާން ވިދާޅުވިއެވެ.

ގައްސާން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާ ގޮތް ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ކަމަށާއި އެއީ ހަގީގީ ވާހަކަތަކެއް ނެތް ދައުވާއެއް ކަމަށެވެ.

މާދަމާގެ ހުކުމް ކޮންމެ ގޮތަކަށް އައި ނަމަވެސް ޕީޕީއެމް އަދި ޕީއެންސީގެ ހަރަކާތްތައް ދާނެ ކަމަށް ވެސް ގައްސާން ވިދާޅުވިއެވެ.

"ފަސްވަނަ ދުވަހު ކޮންމެ ގޮތަކަށް އެ ހުކުމް އައި ނަމަވެސް އަޅުގަނޑުމެން ކުރިއަށްދާނެ ގޮތެއް އޮތީ ނިންމާފައި،" ގައްސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނާމެދު ކަންކަން ކުރެވޭ ގޮތް ބޭރު ދުނިޔެެއަށް ވެސް ސާފުކޮށްދިނުމުގެ މަސައްކަތް ޕީޕީއެމް އަދި ޕީއެންސީން ކުރަމުން ގެންދާ ކަމަށާއި އެކަން އެހާ ފަސޭހައިން ދޫކޮށްނުލައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ސިޔާސީ ގޮތުން ދެމުންދާ އަނިޔާތަކާ ދެކޮޅަށް އަދި ދިވެހިންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އިދިކޮޅު ޕާޓީތައް ދެމި އޮންނާނެ ކަމަށް ގައްސާން ވިދާޅުވި އެވެ.