ސެލްޓަ ވީގޯގެ ކޯޗް ފްރެން އެސްކުރީބާ މަގާމުން ވަކި ކޮށްފި އެވެ.
އެސްކުރީބާ މަގާމުން ވަކި ކުރީ ރޭ އަމިއްލަ ދަނޑުގައި ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. މި ސީޒަންގައި ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމަށް ހޯދުނީ އަށް ޕޮއިންޓެވެ. އެއީ ދެ މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެގެން ލިބުނު އަށް ޕޮއިންޓެވެ.
ޓީމުގެ ނަތީޖާތައް ރަނގަޅު ނުވުމުގައި ޓްރާންސްފާ މާކެޓްގައި އެދެވޭ ޑީލްތަކެއް ހެދިފައި ނުވުން ހިމެނެ އެވެ. ޓްރާންސްފާ ތެރޭގައި ޑެނިސް ސުއަރޭޒް، ސެންޓި މިނާ އަދި ރަފިއާނާ އަލްކަންޓާރާ އެ ޓީމަށް ގެނެ އެވެ. އެހެންނަމަވެސް އަދި މިހާތަނަށް ސީޒަންގައި އެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.
މިއަހަރު މާޗް މަހު ސެލްޓަގެ ކޯޗް ކަމާ ހަވާލުވެ އެސްކުރީބާ ވަނީ އެ ޓީމު ރެލިގޭޓް ނުވެ ސަލަމާތްކޮށް ދީފަ އެވެ. އެސްކްރިބާ އާއެކު އޭނާގެ ކޯޗުން ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރި ފަރާތްތައްވެސް ވަނީ ކުލަބުން ދޫކޮށްލާފަ އެވެ.
އެ ޓީމުގެ ކޯޗް ކަމަށް ގެންނަން ޝޯޓްލިސްޓް ކުރެވޭނެ ކޯޗުން ކަމަށް ބެލެވެނީ މަލަގާ އާއި ވަޓްފޯޑްގެ ކުރީގެ ކޯޗް ހާވީ ގުރާސިއާ، ރެއާލް ބެޓިސްއަށް މިދިޔަ ސީޒަންގައި ކޯޗް ކޮށްދިން ކީކޭ ސެޓިއަން ޗައިނާގެ ސުޕަ ލީގްގެ ކުލަބު ޗޮންގްކްއިން ޑަންގްޑައި ލިފާން ގެ ކޯޗް ޖޯޑީ ކްރައިފް އެވެ.