ހަބަރު

ޔާމީންގެ ޝަރީއަތަށް ނަޝީދު ނުފޫޒު ފޯރުވާ: ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް ކުރަން މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވާ ޝަރިއްޔަތަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވަމުންދާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.

ކުރިމިނަލް ކޯޓުގައި ނުނިމި ލަސްވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީއިން ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގައި މިއަދު ބަހުސް ކުރިޔަށް ދަނިކޮށް، ނިޒާމީ މައްސަލައެއް ނަންގަަވަައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ނަޝީދު ހެނދުނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމަށް ވަޑައިގަތުމަށް ފަހު މާދަމާ ރައީސް ޔާމީންގެ ޝަރީއަތުގައި ހުކުމް ކުރައްވާ އިސް ގާޒީ އަހުމަދު ހައިލަމް މައްސަލައެއް ބަލަން ނިންމަވާފައިވާ ކަމަށެވެ.

އެއަށް ފަހު އަނބުރާ މަޖިލީހަށް ވަޑައިގެން އަނެއްކާވެސް ހަމަ އެ ގާޒީއާ ބެހޭ ގޮތުން ރިޕޯޓެއްގެ ހުށަހަޅާ ބަހުސް ކުރައްވާއިރު ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ އިރު އެ ގާޒީ ވައިބާ ގްރޫޕުގައި އެއްޗެއް ވިދާޅުވި ކަމަށް ބުނެ އެކްޓިވިސްޓަކު ލައްވާ ޓްވީޓު ކުރައްވައިގެން ރައީސް ނަޝީދު އާއި އެމަނިކުފާނުގެ ލޯޔަރުން ސީދާ މާދަމާގެ ޝަރިއްޔަތަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ޝިިޔާމް ވިދާޅުވި އެވެ. އަދި އެކަމުގައި ޖޭއެސްސީ ވެސް ބައިވެރިވާ ކަމަށާއި އެކަން ހުއްޓާލަން އިލްތިމާސް ކުރައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ވައިބާ ޗެޓު ގްރޫޕެއްގައި ގާޒީއަކު އެއްޗެއް ލިޔުއްވިއޭ ކިޔާފަ އެކްޓިވިސްޓަކު ލައްވާ ޓްވީޓެއް ކުރައްވައިގެން އޭތި ހަގީގަތަކަށް ހަދައިގެން މާދަމާ އޮތް ޝަރީއަތަށް ސީދާ ނުފޫޒު ފޯރުވުމަށްޓަކައި މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން މަނިކުފާނުގެ ލޯޔަރުންނާއެކީގައި ޖޭއެސްސީ ކިޔާ އެމްޑީޕީގެ ގޮތްޕެއް ހަދައިގެން ސީދާ ކޯޓުތަކަށް ހަތަރެސް ފަޔާއި ބޮލާ ބާނުއްވަނީ، މިކަންތައް ހުއްޓާލައްވަން އަޅުގަނޑު ވަރަށް އިލްތިމާސް ކުރައްވަން،" ޝިޔާމް ވިދާޅުވި އެވެ.

އެމްޑީޕީގެ އެހެން މެންބަރަކު ވާހަކަ ދައްކަވަނިކޮށް އިތުރު ނިޒާމީ މައްސަލައެއް ނަންގަވައި ޝިޔާމް އަނެއްކާ ވެސް ވިދާޅުވީ ކޯޓުތަކަށް ނުފޫޒު ފޯރުވަން މަޖިލީހުން ކުރާ މަސައްކަތް ހުއްޓާލަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޯޓުތަކުގެ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކާ ގޮތް ނިންމާނީ ކޯޓުތަކުން ކަމަށާއި މަޖިލީހުން ބިރު ދައްކަންގެން ކަންކަން ކުރުވަން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ކޯޓުތަކަށް ނުފޫޒު ފޯރުވަން މި މަޖިލީހުން ކުރާ މަސައްކަތްތައް ހުއްޓާލަން އެދެނީ، މާ ބޮޑު ކަމަކު ނޫން މި އެ ދެނީ. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް ކަމަކަށް. ކޯޓުތަކުން ކޯޓުތަކުގެ މައްސަލަތައް ނިންމާނެ އަޅުގަނޑުމެންގެ އެކަމާ ވާހަކަދައްކާ ގޮތް ނިންމާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ކަންކަން ކުރަން އުޅުމަކީ އެއީ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެ," ޝިޔާމް ވިދާޅުވި އެވެ.

ކުރިމިނަލް ކޯޓުގައި ނުނިމި ލަސްވަމުންދާ މައްސަލަތަކާ ގުޅޭ ރިޕޯޓަށް ބަހުސް ކުރިޔަށް ދިޔަ އިރު އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވައިބާ ގްރޫޕަަކަށް ފޮނުވި ފޮޓޯއަކާ ގުޅޭ ގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ގިނަ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެ ފޮޓޯގައި ވަނީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ ބައިވެރިންގެ ފަހަތުގައި މި ސަރުކާރުގެ އިސް ފަރާތްތަކާއި ރައީސް ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ޗެންޗޭނު އަޅުވައިގެން ގެންދާ މަންޒަރެއް ކުރަހައިފަ އެވެ. އަދި އެ ފޮޓޯ ގާޒީ ހައިލަމް ފަނޑިޔާރުންގެ ވައިބާ ގްރޫޕަކަށް ފޮނުވާފައިވަ ކަމުގެ ސްކްރީން ޝޮޓުތަކެއް ސޯޝަލް މީޑިއާއަށް ވަނީ ހާމަވެފަ އެވެ.

އެ މައްސަލާގައި ހައިލަމްގެ މައްސަލަ ޖޭއެސްސީ އިން ވަނީ ބަލަން ނިންމައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގައި އިހުތިޖާޖު ކޮށްފަ އެވެ.