ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު އައްޔަންކުރައްވައިފި އެވެ.
މަހާޒް ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަހާޒް މަގާމަށް އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ޑުރަގް ކޯޓުގެ ގާޒީ، މަހާޒް އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ސޯލިހު ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަމެވެ.
ސުޕްރީމް ކޯޓަށް މަހާޒް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މަހާޒް ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވައިފަ އެވެ. ޑްރަގް ކޯޓުގެ ގާޒީކަމަށް މަހާޒް އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ސެޕްޓެންބަރު މަހުގެ ހަތަރުވަނަ ދުވަހު، ޑރ. އަޒްމިރާލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އާއިޝާ ޝުޖޫން ވެސް ވަނީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވާފައެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.