ހަބަރު

ދީބާޖާއަށް ބަދަލު ނުދީފިނަމަ، ނަހުލާ ކޯޓަށް ގެންދަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ނުވާނަމަ، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ސިވިލް ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.

ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެއީ އެ ބިންތައް ހަވާލުނުކޮށް އޮތުމަކީ ދައުލަތުން އެއްބަސްވުމާ ހިލާފުވުން ކަމުގައި ކަނޑައެޅުމަށްފަހު އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދީބާޖާ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެއީ 348.10 މިލިއަން ރުފިޔާ އެވެ. އޭގެފަހުން ހައިކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓަށް ދީބާޖާއިން ގެންދިޔައީ އެންމެ ނުކުތާއެއްގެ މައްޗަށް ރިއާޔަތްކޮށެވެ. އެއީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ. އެނުކުތާގެ މައްޗަށް ބިނާކޮށް، ސްޕްރީމް ކޯޓުން ވަނީ ދީބާޖާއަށް ލިބުނު ގެއްލުމުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ.

އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާއިރު އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ބުނެފައިވަނީ ބަދަލުގެ ފައިސާ ދީބާޖާއަށް ދޭން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމްކުރިތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެހެންކަމުން އެ ހުކުމަށް މިހާރު ވަނީ އަށް މަސް ދުވަސްވެފަ އެވެ. ނަމަވެސް އަދިވެސް ދައުލަތުން ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.

އެހެންވެ، މައްސަލަ ބައްލަވާ ގާޒީ މިއަދު ވަނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ދައުލަތުން ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށްފިނަމަ، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ، ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ދީބާޖާ މައްސަލާގެ ހުކުމް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ އެ ހުކުމް ތަންފީޒު ކުރުން ބާތިލްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މައްސަލާގައި ކޯޓުން ބޭރު ހައްލަކަށް ދެވިދާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ދީބާޖާ ކުންފުންޏާއި ސަރުކާރާ ދެމެދު މަޝްވަރާތައް ވެސް ފެށި އެވެ.