ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަލި މީހުން އެއް ތަނުން އަނެއްތަނަށް ގެންދިޔުން ކަމަށާއި، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން އެކަމަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ބަޖެޓުގައި ނ. ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރަން ހިމަނާފައިވީ ނަމަވެސް، އެ މަސައްކަތް ލަސްވަމުންދާ މައްސަލައާ ގުޅޭގޮތުން، މިއަދުގެ ރައްޔިތުންގެ މަޖިލީހަށް އަމީން ހާޒިރުކޮށްފައިވާއިރު، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސިއްހީ ދައިރާގެ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދަތުރުކުރުމުގައި ހުރި ދަތިތައް ކަމަށެވެ.
އެގޮތުން، އެ މައްސަލައަށް ހައްލެއް ހޯދުމަށް ލ. އަތޮޅުގައި މިހާރު ފަށާފައިވާ މޯބައިލް ލެބޯޓަރީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
ހެލްތު މިނިސްޓްރީން ލ. އަތޮޅުގައި މޯބައިލް ލެބޯޓަރީގެ ހިދުމަތް ގާއިމުކުރި ރަށްތަކުގެ ތެރޭގައި ކުނަހަންދޫ، ދަނބިދޫ، މުންޑޫ އަދި މާމެންދޫ ހިމެނެ އެވެ. އޭގެ ސަބަބުން ހިދުމަތް ހޯދަން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރަންނުޖެހި ތަހުލީލުތައް ކުރުމުގެ ދޮރު ހުޅުވިގެންދާނެކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ މޯބައިލް ލެބޯޓަރީގެ ހިދުމަށް 2020 ނިމޭއިރު މުޅި ރާއްޖޭގައި މި ޕްރޮޖެކްޓް ތަންފީޒު ކުރުން. އޭގެ ދަށުން ތަހުލީލުތައް ކުރަންޖެހޭ ސާމްޕަލް އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ފޮނުވި އެއް ދުވަހު ނަތީޖާ ލިބޭނެ،" އަންނަ އަހަރު ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން ސިއްހީ ދާއިރާއަށް ސަރުކާރުގެ ތަސައްވަރު ފެނިގެންދާނެކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި މޯބައިލް ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމުން، ހަރަދުގެ ގޮތުންނާއި، ބަލިމީހުން އުފުއްލަވަންޖެހޭ ތަކްލީފު އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނ. ވެލިދޫ ހޮސްޕިޓަލާބެހޭ ގޮތުން އަމީން ވިދާޅުވީ އެ އިމާރާތުގެ ކުރެހުންތަކާއި ބީއޯކިޔު މިހާރު ނިމިފައިވާކަމަށާއި އަމަލީ މަސައްކަތް ފެށުމުގެ ކަންކަން ކުރިއަށްދާކަމަށެވެ. އަމީން ވިދާޅުވި ގޮތުގައި، އެ މަސައްކަތް ލަސްވެފައިވަނީ ސިއްހީ އިމާރާތެއް ގާއިމުކުރުމަށް ހޯދަންޖެހޭ ފަންނީ ލަފާ ހޯދުމަށް ކަމަށެވެ.
ލެބޯޓަރީގެ އިތުރުން އެކި ރަށްރަށަށް ބޭނުންވާ އެމްބިއުލަންސްތަކާއި ޑޮކްޓަރުން ހަމަކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.