އަހުމަދު ޝިޔާމް

މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ނުދެކެން: ޝިޔާމް

މިހާރު ރާއްޖޭގައި ހިނގަމުންދަނީ ތިން ބާރު މަސްހުނި ކޮށްފައިވާ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ނުފެންނަ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ނަސްރުގެ ދުވަސް ފާހަގަ ކުރަން ބޭއްވި އެއްވުމަށް ފުލުހުން ހުރަސް އަޅައި ބަޔަކު ހައްޔަރު ކުރީތީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމުގެ އިތުރަށް މިނިވަން ފަނޑިޔާރުގެއެއް ވެސް ނެތް ކަމަށެވެ. ގާނޫނު އަސާސީއާއި ގާނޫނުތައް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ މައްޗަށް ކޮޅަށް އަރައި ތިބި ބަޔަކު ވެރިކަމުގައި ތިބުމުން ދެން ކޮން ގާނޫނު އަސާސީއަކަށްތޯ ބޯލަނބާނީ. ދެން ކޮން ގާނޫނެއްތޯ ދަމަހައްޓާނީ މި ތަނުގައި،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީގައި އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ބޭރުންނެވެ. އެ ގޮތުން ކޯޓުތަކުގެ ޝަރީއަތްތަކާއި ހުކުމްތަކާއި ނިންމުންތައް ރިވިއު ކުރުމަކީ ޖޭއެސްސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައިވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޓުތަކުގައި ޝަރީއަތްތައް ތާވަލުކޮށްފައި ވަނިކޮށް، އެއިން ނުފޫޒު ފޯރުވަން ބޭނުންވާ ޝަރީއަތްތައް ބައްލަވާ ގާޒީންގެ މައްސަލަ ބަލަން ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަންނަވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އޯޑަރަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ. ޖޭއެސްސީއަކީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ޝިޔާމް ސިފަކުރެއްވި އެވެ.

ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ޝަރީއަތް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނިކޮށް، އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް މިއަދު ހެނދުނު ހާޒިރުކޮށް، އޭނާ ސަސްޕެންޑް ކުރަން ވަނީ ނިންމައިފަ އެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެންނެވެ. އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ.

ޝިޔާމް ވިދާޅުވީ ވެރިކަމުގެ ނިޒާމުގައިވާ ތިން ބާރު މިހާރު މި އޮތީ އެއް ބައެއްގެ މުށުތެރޭގައި ކަމަށެވެ. މިހާރު ހިނގަމުންދާ ވެރިކަމަށްވުރެ ހުތުމުހުތާރު ވެރިކަމެއް ނުދެކޭ ކަމަށާއި ރައީސް ސޯލިހަށްވުރެ ހުދުމުހުތާރު ވެރިއަކު ވެސް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ތިން ބާރު ވަކި ކުރެވިފައިވާ ނިޒާމު ހިންގުމަށް ރައީސް ހުރަސް އަޅުއްވާ ތަން ފެނޭ، ތިން ބާރު ވަކިވެފައިވާ ނިޒާމު ފުނޑާލައި ހުރިހާ ބާރެއް ވަނީ ރައީސްގެ މުށުތެރެއަށް ލާއި އެއް މޭޒު މަތިން ހުރިހާ ކަމެއްދޭ ތަން، މިއަށްވުރެ ހުދުމުހުތާރު ވެރިކަމެއް ނުދެކޭނެ،" ޝިޔާމް ވިދާޅުވި އެވެ.