ސެލްޓަ ވީގޯގެ ކޯޗު ކަމުން ފްރެން އެސްކުރީބާ ވަކި ކުރުމަށް ފަހު، އެ ޓީމުގެ ކޯޗަކަށް ބްރައިޓޮން ހޯވް އެލްބިއޯން އާއި ވަޓްފޯޑްގެ ކޯޗުކަން ކުރިން ކުރި އޮސްކާ ގާސިއާ ޖުނިޔެންޓް އައްޔަން ކޮށްފި އެވެ.
ގާސިއާ އެންމެ ފަހުން ކޯޗް ކޮށްދިނީ އޮލިމްޕިއާކޯސް އަށެވެ. ސެލްޓަގެ ކޯޗް ކަމުން އެސްކްރީބާ ވަކި ކުރީ އާދީއްތަ ދުވަހުގެ ރޭ ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަށް ފަހު އެވެ.
ސެލްޓަވީގޯގެ ކޯޗް ކަމަކީ ސްޕެއިންގައި ގާސިއާ ސީނިއާ ލެވަލްގައި ކުރާ ފުރަތަމަ މަސައްކަތެވެ. ބާސެލޯނާގެ ޔޫތު ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ފަހުން ސްޕެއިންގައި އޭނާ ހަވާލުވާ ފުރަތަމަ މަސައްކަތަކީ ވެސް މިއެވެ.
ކުޅުންތެރިޔެއްގެ ގޮތުގައި ގާސިއާ ވަނީ، ބާސެލޯނާ އާއި ވެލެންސިއާ އަދި އެސްޕަންޔޯލްއަށް ކުޅެފަ އެވެ. އޭނާ އާއެކު ތިން އެސިސްޓެންޓް ކޯޗުން ސެލްޓަވީގޯ އާއެކު މަސައްކަތް ކުރާނެ އެވެ. ގާސިއާގެ ފުރަތަމަ ޕްރެކްޓިސް ސެޝަން އޮންނާނީ މިއަދު އެވެ.