ބުރޭޝާގެ ފޯވަޑް މާރިއޯ ބަލޮޓެލީއަށް ހެލަސް ވެރޯނާގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާ ކުރުމުން، އެކަމާ ބަލޯޓެލީ ޑީލް ކުރި ގޮތުން ނަޕޯލީގެ ކޯޗް ކާލޯ އަންޗެލޯޓީ ތައުރީފު ކޮށްފި އެވެ.
ބުރޭޝާ އާއި ވެރޯނާ މެޗުގެ ދެ ވަނަ ހާފުގައި ބަލޮޓެލީއަށްއަށް ނިސްބަތް ކޮށް ވެރޯނާގެ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާ ކުރުމުން ބަލޮޓެލީ ވަނީ ނަސްލީ ގޮތުން ދިމާކުރި ސަޕޯޓަރުން ތިބި ދިމާލަށް އަމާޒުކޮށް ބޯޅައިން ޖަހާފަ އެވެ. އެއަށް ފަހު އޭނާ ވަނީ ދަނޑުން ފައިބައިގެން ގޮސްފަ އެވެ.
ފަހުން ރެފްރީ ވަނީ ދެ ޓީމުގެ ކުޅުންތެރިން ގެނެސް ވާހަކަ ދައްކައިގެން މެޗު އަލުން ކުރިއަށް ގެންގޮސްފަ އެވެ. މެޗުގެ ފަހު ކޮޅު ބަލޮޓެލީ ވަނީ ވެރޯނާ ކޮޅަށް މޮޅު ލަނޑެއް ޖަހާފަ އެވެ.
އަންޗޮލޯޓީ ދެކޭ ގޮތުގައި ބަލޮޓެލީ ކަންތައް ކުރީ ރަނގަޅަށެވެ. ނަސްލީ ގޮތުން ދިމާ ކުރުމުން އެކަން ފާހަގަ ކުރުމަށްޓަކައި އެގޮތަށް ކަންތައް ކުރުމީ އެންމެ ރަނގަޅު ގޮތެއް ކަމުގައި އަންޗެލޯޓީ ބުންޏެވެ. އޭނާ ބުނީ ފުޓްބޯޅަ ވާން ޖެހޭނީ ނަސްލީ ތަފާތު ކުރުމުގެ މައްޗަށް ގަދަވެގެންގަންނަން ޖެހޭ ކުޅިވަރެއްގެ ގޮތުގަ އެވެ.
"އޭނާ ކަންތައް ކުރީ ރަނގަޅަށް، އެގޮތަށް ކަންތައް ކުރަން އޭނާއަށް ހައްގު ލިބިގެންވޭ،" ބަލޮޓެލީގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަންޗެލޯޓީ ބުންޏެވެ. "ނަސްލީ ގޮތުން ތަފާތު ކުރުމާ ދެކޮޅަށް ކަންތައް ކުރުމަށް މެޗު ހުއްޓާލެވޭނެ ކިތަންމެ ހާލަތެއް އެބަހުރި، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި އަހަރެމެން މިތިބީ ރަނގަޅު މަގެއްގައި."
ޗެމްޕިއަންސް ލީގްގައި އަންޗެލޯޓީގެ ނަޕޯލީ މިރޭ ނުކުންނާނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ހިމެނޭ ގުރޫޕްގައި ނަޕޯލީ އޮތީ އެއް ވަނައިގަ އެވެ.