ހަބަރު

ކޯޓުގެ އެސްޖީއަށް އިންޒާރު ދިން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރުގެ މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުގެ ސެކްރެޓްރީ ޖެނަރަލް (އެސްޖީ)އަށް އިންޒާރު ދިން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލަން ނިންމީ މިއަދު ހެނދުނު ބޭއްވި ޖޭއެސްސީގެ ބައްލަވުމުގަ އެވެ.

އެ ނިންމުމާ ގުޅޭ ގޮތުން ޖޭއެސްސީއިން ބުނީ އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ގަވައިދުތަކާއި އުސޫލުތަކަށް ގެންނަ ބަދަލުތަކަށް އަމަލު ނުކުރުމަށް އެސްޖީއަށް އަންގާފަ އެވެ. އަދި ޑީޖޭއޭއާ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް އުއްތަމަ ފަނޑިޔާރު އަންގަވާފައިވާ ކަމަށެވެ.

އޭގެއިތުރުން ޑީޖޭއޭއާ ގުޅިގެން އެސްޖީ ބަޣާވާތެއް ކުރަން އުޅޭ ކަމަށް ވިދާޅުވެ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް އުއްތަމަ ފަނޑިޔާރު، އެސްޖީއަށް ދެއްވާފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ. އެހެންވެ އެ ސުލޫކީ މައްސަލަ ބަލަން ނިންމީ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ އެހެން މައްސަލަތަކެއް ވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އެއީ ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމާ ގުޅިގެން ބަލާ މައްސަލަތަކެއް ކަމަށް ޖޭއެސްސީއިން މައުލޫމާތުދެ އެވެ. އެ މައްސަލާގެ ތަހުގީގަށް އުއްތަމަ ފަނޑިޔާރު ހާޒިރުވުމަށް އެންގުމުން އެކަމަށް ވަނީ ދެކޮޅު ހައްދަވާފަ އެވެ.

އިއްޔެ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ޖޭއެސްސީއަށާއިި ޑީޖޭއޭއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އެވެ. އެގޮތުން ކޯޓުގެ ތަކުގެ އިދާރީ ހިންގުމަށް އަތްބާނައި ނިޒާމް ޕެރެލައިޒްކޮށް ޒިންމާއަށް ހުރަސް އަޅަން އުޅޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި އިދާރީ ނިޒާމަކީ ފަނޑިޔާރުންގެ ބާރު ނުހިނގާ ނިޒާމަކަށް ވެއްޖެނަމަ އޭގެ ސަބަބުން ފަނޑިޔާރުންގެ މަސައްކަތަށް ގިރާ ނުކުރެވޭނެ ފަދަ ހުރަސްތަކެއް ކުރިމަތިވެގެން ދާނެ ކަމަށެވެ. އަދި ކޯޓުތަކުގެ އިދާރީ އަދި ނިޒާމީ އިންޓެގްރިޓީ ގެއްލި ކޯޓާއި ފަނޑިޔާރުންގެ މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެދޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމާ ބެހޭ ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި އެކަށައެޅުމާއި އެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ކޯޓު ހިންގުމުގެ ކަންކަމަކީ އުއްތަމަ ފަނޑިޔާރަށް ގާނޫނުތަކުން ދީފައިވާ ބާރެއްކަން އެނގެން އޮންނަ ކަމަށާއި އެއާ ހިލާފަށް އެކަން ކުރަން އުޅުމަކީ ގާނޫނާ ހިލާފު ޣައިރު ދުސްތޫރީ އަމަލެއްކަން ވަރަށް ސާފު ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ ބަޔާން ނެރުއްވީ ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ދެ ތަނުން އެ މައްސަލަ ބަލަން ނިންމީ ޑީޖޭއޭގެ ބާރު ކަނޑުވާލަން ޖުޑީޝަލް ކައުންސިލުން އުޅޭ ކަމަށް ބުނެ އެވެ.

ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން ދިޔަ ޑީޖޭއޭ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހެއް ދަށުން ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ. މިހާރު ޑީޖޭއޭ ހިންގަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ. ޑީޖޭއޭއަކީ ކޯޓުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަށް އެހީތެރިވެދޭ އިދާރާއެކެވެ.