އެއްގަމުން ތޮއްޓާ ކައިރިން ދޯންޏަށް އަރަމުން ދިޔައީ އުފާވެރި މޫނުތަކެވެ. ދުވެލާފައި ފުރާވަރުގެ ދެ އަންހެން ކުދީން ހަފޮޅުން އެތެރެވި އިރު އެ ކުދިންނާ ސަމާސާ ކުރަމުން މާ ހަލުއިކޮށް ޒުވާން ފިރިހެން ކުއްޖެކެވެ. ހަރު އަޑުން "އަޅުގަނޑުވެސް ދާނަމޭ" ބުންމުންނެވެ. ނަމަވެސް ގިނައިރެއް ނުކޮށް "ދަތުރު ތިޔަ ދަނީ އަޅުގަނޑު ނުލައި ނޫންހޭ ސަލާމެއް ވެސް ނުކުރާނަމޭ ބުނެ" އެ ޒުވާން ފިރިހެން ކުއްޖާ އަނބުރާ ތޮށި މައްޗަށް ފުންމާލަ އެވެ. ރިޔާ އިންޖީނުގައި އޮތް ދޭލިޔާ ދޯނި ހެލުވެމުން ލޮނުގަނޑު ކަފަމުން މާލެއިން ނައްޓާލި އިރު އެ ފިރިހެން ކުއްޖާ އޭނާގެ ބައިސްކަލުގެ ދަނގަނޑުމަތީގައި އިށީންނަނީ އެވެ. މީގެ 36 އަހަރު ކުރި އެވެ.
މިހާރުގެ ފޮރިން މިނިސްޓްރީއާ ދިމާލެވެ. ބައިސްކަލް މަތީގައި އެއިނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ފޮރިން މިނިސްޓަރު ކަންފަދަ އެތައް މަގާމެއް ފުރުއްވެވި މިހާރުގެ ވެސް މަޖިލިސް މެންބަރު އަބްދުﷲ ޝާހިދެވެ. ދޯނީގައި ތިބި އަންހެން ދެބެންނަކީ އޭނާގެ އެއްބަނޑު އެއްބަފާ ހަމައެކަނި އަންހެން ދެއްކޮއްކޮ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ އެވެ. ދެން އާއިލާ އެވެ.
"ދަތުރު ފެށުނީ އުފާވެރި ސަމާސާއިން، ދަތުރު ނިމުނީ އަބަދަށް ހިތްދަތި ކުރުވާ ހިތާމައަކުން،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މިއީ ޝާހިދު ދަންނަ ވަރަށް ގިނަ ބަޔަކަށާއި ސިޔާސީ ގޮތުން ޝާހިދަށް ތާއީދުކުރާ އެތައް ބަޔަކަށް ނޭނގި އޮތް ހިތާމަވެރި ހާދިސާއެއްގެ ވާހަކަ އެވެ. އޭރު ގްރޭޑް 10 ގައި ކިޔަވަމުންދިޔަ އަބްﷲ ޝާހިދާއި މެޓް އޮފީހުގެ ވަޒީފާއެއްގައި ހުންނެވި މުހައްމަދު ޝާހިދާ ނުލައި އާއިލާއިން ވ. ކެޔޮދޫއަށް ކުރި ދަތުރުގައި އާއިލާގައި ހަމައެކަނި ތިއްބެވި އަންހެން ދެބެން އެކުގައި މޫދަށް ވަޑައިގެން ގިނަ އިރުތަކެއް ނުވެ ފެނުނީ ފުން ވިލެއްގެ ތެރޭގައި އަވާހަރާވެފައި ތިއްބަ އެވެ. އެ ދެބެންނާއެކު ކެޔޮދޫ ރަންބުސްތާނުގޭ ދަލޭކާނިކެ 39، އެއްވެސް ވިލުގެ ތެރެއަށް އަވަހަރާވި އެވެ.
ދަރަވަންދޫގެއަށް ނިސްބަތްވާ އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލުގެ ތިއްބަވަނީ އެންމެ ދޮއްޓަށް މުހައްމަދު ޝާހިދެވެ. ދެން އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. ހަގަށް ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ އެވެ. މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި މި ހާދިސާގައި ދަލޭކާނިކެއާއެކު އެ ދެބެން އަވަހާރިވި އިރު ފާތުމަތުގެ އުމުރަކީ 14 އަހަރެވެ. އާމިނަތުގެ އުމުރުން 12 އަހަރެވެ.
"މި އާއިލާއާ ވާވު އަތޮޅާ އޮންނަ ގުޅުމަކީ ބައްޕަ އާ ގުޅިފައި އޮތް ގުޅުމެއް. ވ. އަތޮޅު ކެޔޮދޫ މޫސާ މަނިކުފާނު [އޭރު އެ އަތޮޅުގެ ވަރަށް މަތީ ގަދަރުވެރި ބޭފުޅެެއް] އެ އާއިލާ މާލޭގައި އަބަދުވެސް ތިބެނީ އަޅުގަނޑުމެންގެ މުސްކުޅިގެ ދަރަވަންދޫގޭގައި." ޝާހިދު ވިދާޅުވި އެވެ. "މޫސާ މަނިކުފާނު އަޅުގަނޑުމެނާ ގުޅިފައި މި އޮންނަނީ އޭނާގެ ރަހުމަތްތެރިކަމުގެ ތެރެއިން. އެގޮތުން ޗުއްޓީ ދަތުރެއް ލިބުނަސް އަޅުގަނޑުމެން ދަނީ ކެޔޮދޫއަށް،"
ޝާހިދު ވިދާޅުވި ގޮތުގައި އެމަނިކުފާނާއި އާއިލާގެ އެންމެ ބޮޑު ހިތާމައާ ކުރިމަތިވި އެ ހާދިސާ އައީ 1980 ވަނަ އަހަރުގެ ސްކޫލް ޗުއްޓީގައި ކެޔޮދޫއަށް ކުރި ދަތުރެއްގަ އެވެ. ދަތުރުގައި ވަޑައިގަތީ އަހުމަދު ޝާހިދާއި އާމިނަތު ޝާހިދާ އާއި ފާތުމަތު ޝާހިދާ އާއި މޫސާ ޖަމީލުގެ ދެމަފަރިކަނބަލުނާއި އަނބިކަނބަލުންގެ މަންމަ އާއި އިސްމާއިލް ވަޖީހާއި (ސިންގަޕޫރުގައި ހުންނަވާ) މޫސާ ޖަމީލް މެންގެ ގޭގައި ހުންނަ މަޑުއްވަރީ ކުއްޖެކެވެ.
"އޭރު އެ ދެ ބެން ކިޔަވާ ވިދާޅުވަނީ އަމީނިއްޔާގައި. އަޅުގަނޑާ ބޭބެއާ ވަކިން މި ދަތުރުގައި ކެޔޮދޫއަށްދިޔަ ދުވަހު އެ ދެބެންނާ ކުރިމަތިވި އެ ހާދިސާގައި ވިލެއްގެ ތެރެއަށް އަވަހާރަވީ!" ބޮޑު ހާދިސާގެ ވާހަކަ 36 އަހަރު ފަހުން އަބްދުﷲ ޝާހިދާއި އޭނާގެ ބައްޕާފުޅު މޫސާ ޖަމީލް އަވަސް އޮންލައިނަށް ހިއްސާ ކުރީ އެދެބެން ހަނދާނުގައި މޫސާ ޖަމީލް ހައްދަވާފައި އަސަރުގަދަ ޅެން ފޮތަކުން ހާދިސާ އާކޮށް ދެއްވަން ދެބަފައިން އެކުގައި ތިއްބަވައިގެނެވެ.
"ކެޔޮދޫއަށް ދާން ފުރާ ވަޑައިގަތީ ހެނދުނު 6:30 އެހާކަންހާއިރު އެވެ. ދަތުރަށް އެރީ ކެޔޮދޫން އައި ދޭލިޔާ ނަމަކަށް ކިޔާ ދޯންޏެއްގަ އެވެ. ދަތުރުފަތުރު ހުރި ގޮތުން ހެނދުނު ފުރައިގެން ކެޔޮދޫއަށް ފޯރީ މެންދުރު ފަހު 2:30 އެހާކަންހާއިރު އެވެ." މިއީ މޫސާ ޖަމީލް ލިޔުއްވާފައި ޅެމެއް ތަޅުދަނޑިން ހުޅުވުމުން ނުކުތް ސަރަހަ އެވެެ.
މޫސާ ޖަމީލު ވިދާޅުވި ގޮތުގައި ކެޔޮދޫއަށް ގޮސް މޫސާ މަނިކުފާނުގެ ރަންބުސްތާނުގެއަށް ފޯރިތާ މާގިނަ އިރު ނުވަނީސް ފާތުމަތު ޝާހިދާ އާއި އާއިމިނަތު ޝާހިދާ މޫދަށް އެރެން ބޭނުންވި އެވެ. އެކަން ފުރިހަމަކޮށް ދިނުމަށް އެ ދެބެން މޫދަށް ފޮނުވީ ދަލޭކާނިކެއާއެކު އެވެ.
"ދަލޭކާނިކެ އަކީ މޫސާ މަނިކުފާނުގެ ބޭފުޅެއް މޫސާ މަނިކުފާނު ފޮނުއްވައިގެން އަޅުގަނޑުމެންގެ އާއިލާ ގޮވައިގެން އެ ރަށަށް ދާން މާލެ ވަޑައިގަތީ ވެސް ދަލޭކާނިކެ، އެ ދުވަހު އެ ދެބެން މޫދަށް ދިޔައީ ވެސް އޭނާއާއެކު، ދަލޭކާނިކެ އާއި އެ ދެބެން މޫދަށްދަށް ދިޔަތާ އިރުގަނޑެއް ފަހުން ލަސްވެއްޖެ ކަމަށް ބެލެވިގެން އަޅުގަނޑާ އެކުދިންގެ މަންމައާ އެންމެން އެކުދިން މޫދަށް އެރުނު ދިމާއަށް ދިޔައިރު ފެންނާކަށް ނެތް،"
އޭރު ކެޔޮދޫގެ އާބާދީ މިހާރަށްވުރާ މާ މަދެވެ. އިތުރަށް ހާދިސާ ކިޔައިދޭން މޫސާ ޖަމީލަށް ދަތިފުޅުވެ ވަޑައިގަތުމުން ޅެމުގެ އެހީގައި ޝާހިދު ވިދާޅުވެ ދެއްވި އެވެ:
"މޫދަށް ދިޔަ ދިމާ ގޮނޑުދޮށަށް މަންމަމެން ގޮސް ބެލި އިރު އެންމެ ފުރަތަމަ ފެންނާކަށް ނެތް އެހިސާބުން ދެން ރަށު ތެރެއަށް ދިޔައީ. އޭރުގެ ކެޔޮދޫގައި ހުންނަނީ ފެންވަރާލެވޭ ހަތަރު ވަޅު އެ ވަޅުތައް ހުންނަ ގެތަށް ބަލައިލި އިރު އެއިން ގެއަކުވެސް ނެތް ދެން ރަށުގެ މީހުން ދޯންޏެއްގައި ނުކުމެ ހޯދަން ފެށި ތަނާހެން ފެނުނީ ދޮން ފުން ވިލެއް ބެދުނު ހިސާބުގެ އަށެއްގެ ފޫޓު ފުނުގައި ދެބެންނާއި ދަލޭކާނިކެ ވެސް އަވަހާރަވެފައި ތިއްބާ،"
އަނެއްކާވެސް ފެއްޓެވީ މޫސާ ޖަމީލެވެ؛ އަދި ވިދާޅުވި އެވެ: "ކެޔޮދޫގައި މޫދަށް އެރެން އޮންނަ ދިމާލުން އެ ތިން ކުދިން އެރިގެން އެ ދިމާއަށް އޮންނަ ވިލެއް ހުރަސްކޮށް ޖެހިގެން އޮންނަ ތިލަ މައިތީގެ އަޑީގައި އަވަހާރަވެފައި ތިބީ. ދެން އެތަނުން ދޯންޏަށް ނަގައިގެން ރަށަށް ގެނައީ."
އޭނާ ވިދާޅުވި ގޮތުގައި ރަށަށް ގެނައި އިރު އަވަހާރަވެފައި ތިބި ކަމެއް ނޭނގެ އެވެ. އެހެންވެ ފަރުވާ ފަށައި އެ އަތޮޅު ފެލިދޫގައި ހުރި ސިއްހީ ފަރުވާ ދޭ މީހަކު ވެސް ގެނަ އެވެ. އަދި މޫސާ މަނިކުފާނަކީ ރަށުގެ ބޭސްވެރި ކަމާ އެބާވަތުގެ ކަންކަމުގައި އިސްވެރިޔާއަށް ވުމުން ފަސްޓް އެއިޑް ދީ، ދުން އަރުވައި ކުރެވެން ހުރި ކަންކަން ކުރި އެވެ.
"އެކަމަކު ތިން ކުދިންގެ ވެސް ފުރާނައެއް އޭރު ނެތް. ވީ ގޮތެއް ކިޔައިދޭނެ މީހަކުވެސް ނެތީމަ ފަރުވާތައް ވެސް ދެވުނީ،" މޫސާ ޖަމީލް ވިދާޅުވި އެވެ.
އެ ހާދިސާ ގުޅޭ ގޮތުން އެ ރަށުގެ މީހުންނާއި މޫސާ ޖަމީލު ވެސް ވިދާޅުވަނީ ދެލޭކާނިކެ އާއި ފާތުމަތާއި އާމިނަތު ވެސް އަވަހާރަވެފައި ތިބި އިރު ލޮނުބޮވިފައެއް ނުވެއެވެ. އެހެން ކަމުން މޫސާ ޖަމީލް އޭނާގެ ޅެން ފޮތުގައި އެކަން ސިފަ ކޮށްފައި ވަނީ "ކޮންމެ ތަނަކަށް އަބަދުވެސް ދެބެން އެކުގައިދާ ފަދައިން ކޮއްކޮއާ ދައްތަ ﷲ ގެ ހަޒުރަތަށް ވެސް ވަގުތު ޖެހުމުން އެކުގައި ދަތުރު ކުރީ" ކަމަށެވެ.
"އެއް ގޮތަކަށް ވެސް ލޮނުބޮވިފައެއް ނެތް! އެކަމަކު ވީގޮތް ބުނާނެ މީހަކު ނެތްތާ! ތިން ކުދިން ވެސް އަވަހާރަވީވިއްޔާ! ހާދިސާ ހިނގި ގޮތުން އެނގެނީ ގެނބިގެން ނޫން ކަން މަރުވީ އަޅުގަނޑު ގަބޫލު ކުރަނީ އެގޮތަށް. އެއީ ފަތަންވެސް އެނގޭނެ. އެކުދިންނަކީ ގާލްގައިޑްގައި ވެސް އުޅޭ ކުދިން ކުލާސް ކުދިންނާއެކު ވެސް ދަތުރުގޮސް އުޅުނު އެކަނިވެސް،"
އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާގެ ހިތާމަ އެންމެ ބޮޑުވީ އެ ހަބަރު މާލެއަށް އެންގޭ ގޮތް ނުވުމުންނެވެ. މާލެއަށް އެނގޭނެ ފަސޭހަ ގޮތެއް ނެތީ އެވެ. އެންމެ އަވަހަށް ހަބަރެއް ކުރެވެން އޮތީ ވެސް ޖެހިގެން އަންނަ ދުވަހު ހެނދުނު 9:00 ޖެހުމުން ރޭޑިއޯ ޓެލެފޯނު ހުޅުވުމުން އަތޮޅު އޮފީސް މެދުވެރިކޮށެވެ.
"އެހެންވީމާ އެހާދިސާ ހިނގި ކަމުގެ އެއްވެސް ހަބަރެއް އެދުވަހަކު އެރެއަކު މާލެއަކަށް ނޭނގުނު އަދި އޭރު ރަށުގެ ކަންކަން ހުންނަ ގޮތުން ރޭގަނޑު ވަޅުލައެއް ވެސް ނުހަދާ އެހެންވެ އެރޭ ތިން ބޭފުޅުން ހިނަވައި ސަންދޯކު އަޅާފައި އެންމެން [ގުރުއާން] ކިޔަވަން ތިބީ." އޭނާ ވިދާޅުވި އެވެ. "އަނެއް ދުވަހު އަތޮޅު އޮފީހުން މެސެޖް ފޮނުވައިގެން މާލެއަށް ހަބަރު ކުރީ އެ ހަބަރާއެކު މާލޭގައި ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ހައިރާންކަން ލިބުނު، އޭރު ތިން ބޭފުޅުން ވަޅުލައިފި އެއީ ޖަނަވަރީ 26 ވަނަ ދުވަސް."
އެ ހާދިސާގެ ހަބަރު މާލެއަށް ލިބުމާއެކު ރައީސް އޮފީހުން އުޅަނދެއް ފޮނުވައިގެން އާއިލާ މާލެ ގެނައީ އެވެ. ރައީސް މައުމޫން ވެރި ކަމަށް ވަޑައިގެންނެވިތާ އޭރު ވާނީ ދޮޅު އަހަރެއްހާ ދުވަހެވެ. ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާމެންގެ ދަތުރު ފެށީ ފަހި، މަޑު ދުވަހެއްގައި ނަމަވެސް ޖެހިގެން އައި ދުވަސްވީ އާދަޔާ ހިލާފަށް ގަދަ ދުވަހަކަށެވެ. ކުރީ ދުވަހު ވ. އަތޮޅަށާއި މާލެއަށް ކަނޑު، ތެޔޮފާންލާފައި އޮތް ނަމަވެސް ޖެހިގެން އައި ދުވަސް ހީވީ ކަނޑަށް "ތޫފާން" ފައިބާފައި އޮތް ހެނެވެ.
"އަޅުގަނޑު ވަރަށް ހަނދާން ހުރޭ މާލެއަށް ވެސް އެހާ ގަދަ. އިންތިހާހައި ވައި ގަދަ. ބައިސްކަލުގައި ވެސް އަޅުގަނޑަށް އެދުވަހު ކުރިޔަށް ނުދެވޭ، އެހާ ގަދަ ދުވަހަކަށްވީ! ވާވަށް އަދި މާ މޫސޫން ގޯސްވެ އެދުވަސްވީ ހަޅައިގެ ވައި އުދުހުނު ދުވަހަކަށް،" ޝާހިދު ހަނދުމަފުޅު އާ ކުރެއްވި އެވެ.
ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ އާއި ދަލޭކާނިކެ އަވަހާރަވި ހަބަރު މުހައްމަދު ޝާހިދަށާއި އަބްދުﷲ ޝާހިދަށް ދެއްވީ މުހައްމަދު ވަޖީހު (ބެޑްމިންޓަން) އެވެ.
"އަޅުގަނޑު ހުރީ މާލޭގައި ބޭބެ ހުންނެވީ މެޓް އޮފީހުގައި ބޭބެ އަރިހަށް އަޅުގަނޑު ގޮވައިގެން ވަޑައިގަތީ މުހައްމަދު ވަޖީހު އަހުމަދު ވަޖީހު (ދޯންނި ބަންނަ) ވަޑައިގެންނެވީ އަޅުގަނޑުމެންގެ ގެއަށް ދެން ވިދާޅުވީ މިހެން ދިމާވެއްޖޭ... އެ ހަބަރު އަޅުގަނޑުމެން ދެބެންނަށް ވެސް ވީ ވަރަށް ބޮޑު ޝޮކަކަށް ވަރަށް ބޮޑަށް ރޮވުނު އެހިސާބުން އަޅުގަނޑުމެން ދެބެން ގެންދިޔައީ ހަޒާރުމާގެއަށް އެގޭގައި ދެފަރާތުގެ އާއިލާގެ ބޭފުޅުން ވެސް ވަޑައިގެން ތިއްބެވީ . ޝައިހު ޖަމީލް، އަޅުގަނޑުގެ ބޮޑު ބޭބެ ހުންނެވި އެމަނިކުފާނާއި މަންމަ ފަރާތު ބޭފުޅުން ކަންކަމުގައި އިސްވެ އުޅުއްވީ،" ޝާހިދު ވިދާޅުވި އެވެ.
ވޭން ހުރި މި ހާދިސާ އޭރު ވެގެން ދިޔައީ މުޅި ރާއްޖެ ރޮއްވާލި ހާދިސާއަކަށެވެ. އެއް ފަހަރާ އެއްގެއަކުން ދެ އަންހެން ބޭފުޅުން އެހެން އަންހެން ބޭފުޅަކާއެކު އެފަދަ ގޮތަކަށް އަވަހާރަވި ހާދިސާއެއް އެ ދުވަސްވަރު އައި ކަމެއް ދިވެހިންގެ ހަނދާނަކު ނެތެވެ. އެހެންވެ ރާއްޖޭގެ އެކި ސަރަހައްދުގައި ވަރަށް ބޮޑު ހިތާމައަކަށްވެ އެ ހިތާމަގައި ބައިވެރިވާން އެކި ރަށްރަށުން މީހުން ދަތުރު ހަދައިގެން މާލެ ވެސް އައެވެ. އެ އާއިލާއަށް ބައްދަލު ހިތްވަރު ދެއްވަން ރައީސް މައުމޫން ގުޅުއްވާ އަދި ގެއަށް ވަޑައިގެންނެވި އެވެ.
ފާތުމަތާއި އާމިނަތާއި ދަލޭކާނިކެއަށް ދުއާކޮށް ފާތިހާ ކިޔެވުން އޭރުއްސުރެ އަބްދުﷲ ޝާހިދުމެންގެ ގޭގަ އާއި ކެޔޮދޫގެ ބައެއް ގޭގޭގައި އޮވެ އެވެ. ކޮންމެ އަހަރަކު އެވެ. ކެޔޮދޫގައި ހުރި އެ ތިން މަހާނަ މިއަދާ ޖެހެންދެން ވެސް ބަލަހައްޓަ އެވެ.
"އެ ދެބެންނަކީ އޭރެކޭ އެއްގޮތަށް އަޅުގަނޑުމެންގެ ހިތާއެކުވެފައިވާ ދެބެން. އަޅުގަނޑުމެން ދެކޭ ގޮތުގައި ރޫހީ ގޮތުން އެ ދެބެން ވެސް އަދި ކަތްދާނިކެ ވެސް މި އާއިލާއާއެކުވޭ މި އާއިލާގެ ކޮންމެ ކަމެއް، ކޮންމެ އުފަލެއް ވިޔަސް ހިތާމައެއް ވިޔަސް އަޅުގަމެން ބަލައިގަންނަނީ އެކުދިންނާ ވެސް އެކީގައި ދެކޮއްކޮގެ ހަދާންތައް އޮވޭ،" ޝާހިދު ވިދާޅުވި އެވެ.
އަވަހާރަވި އިރު އާމިނަތު ކިޔަވާ ވިދާޅުވަނީ ފަސްވަނަ ގްރޭޑްގަ އެވެ. ފާތުމަތު އަށްވަނަ ގްރޭޑްގަ އެވެ. މުޅީން އެކުގައި ދެބެން އުޅުއްވި ނަމަވެސް މިޒާޖުގައި ތަފާތެއް ހުއްޓެވެ. ފާތުމަތަކީ ބަސްމަދު، ބޭރު މީހުންނާ ތަންކޮޅެއް ގުޅުން ކުޑަ ބޭފުޅެކެވެ. ބައިސްކޯފަށް ވަޑައިގަންނަވާ ހިތްޕުޅުވާ އަދި ވާހަކަފޮތް ވިދާޅުވާ ބޭފުޅެކެވެ. އޭގެ އިތުރުން ދޮވެ އިސްތިރި ކުރުމުގައި ވަރަށް މުރާލި ބޭފުޅެކެވެ. އާމިނަތަކީ ސަމާސާ ކުރެއްވުމާއި މީހުންނާ ވާހަކަ ދެއްކެވުމާއި އަތްތެރި މަސައްކަތުގެ ބޭފުޅެކެވެ. ފެހުމާއި ތަކެތި ރީތިކޮށް ބެލެހެއްޓުމަކީ އާމިނަތުގެ ހާއްސަ އެއް ސިފައެވެ.
"އެކަމަކު ވަރަށް އެކީ އުޅެނީ ވަކިން އެއްވެސް ތާކަށް ނުދާނެ. މިގޭގައި އޭރު ޓީވީއެއް ވެސް ނުހުރޭ ޓީވީ ބަލަން ދަނީ ވެސް ދެކުދިން އެކުގައި ވަލުމައިޒާދަށުގެއަށް. ބަންގި ގޮވާއިރަށް އެކުގައި ގެއަށް އަންނާނެ ނަމާދަށް. ދެބެން ވެސް ރަނގަޅަށް ކިޔަވަމުން އައީ އަޅުގަނޑުމެން އުންމީދު ކޮށްގެން ތިބީ ދޮށީ ފާތުމަތު އެއީ ޓީޗަރެއް ކަމަށް. އަދި އާމިނަތު އެއީ ޑޮކަޓަރަކަށްވެގެން އަންނާނެ ކުއްޖެއް ކަމަށް އެ ދެބެން ވެސް އެހިޔާލުގައި ތިބީ. އެކަމަކު އެ އުންމީދަކަށް ތަގުދީރު ތަނެއް ނުދިން،"
މޫސާ ޖަމީލް އޭނާގެ އަންހެން ދެބޭފުޅުންގެ ހަނދާނުގައި ހައްދަވާފައި ޅެންތަކުގެ ގެތެރެއިން 25 އަހަރާ ހަމައަށް ހެއްދެވި 45 ޅެމަކާއި އެ ހާދިސާގެ 20 އަހަރު ކުރިން ހައްދަވާފައި ޅެމެއް ހިމެނޭ ފޮތް ވަނީ ޗާޕް ޖަހައިގެން ނެރެފަ އެވެ. ހިލޭ ބަހާ މި ޅެން ފޮތް އެކުލަވައިލެއްވުމުގައި ގެންގުޅުއްވާފައި ވަނީ ތަފާތު ތަރުތީބެކެވެ. އެގޮތުން ދެބެން އަވަހާރަވުމަށްފަހު މާލެ ވަޑައިގަތް ދުވަހުން ފެށިގެން ފުރަތަމަ އެއް މަސް ދުވަސްވަންދެން ހެއްދެވީ ކޮންމެ ހަފުތާއަކު ޅެމެކެވެ. އެއް މަސްވީމާ ހެއްދެވީ މަހަކު ޅެމެކެވެ. ސާޅީސް ފުރުނު ދުވަހަށް ވަކި ޅެމެކެވެ. ހަތަރު މަހާ ދިހަވީ ދުވަހު ޅެމެކެވެ. އަހަރުވުމަށްފަހު ހެއްދެވީ ކޮންމެ އަހަރަކަށް ޅެމެކެވެ. ގިނަ ޅެންތަން ހައްދަވާފައި ވަނީ އެ ދެބެން ނަން އަޖުޒާއި ސޮދުރުގައި ތަރުތީބުވާނެހެނެ. އެކި ކެވެއްޔަށެވެ. ޅެންތަކާ ބެހޭ ގޮތުން އެ ފޮތުގައި އަބްދުﷲ ޝާހިދު ލިޔުއްވާފައި ވެސް ވެއެވެ.
ޝާހިދަކީ ޅެންވެރިއެއްތޯ ސުވާލު ދެންނެވުމުން މޫސާ ޖަމީލް ވިދާޅުވީ "ކޮންމެވެސް ވަރެއްގެ" ޅެންވެރިއެކޭ އެވެ. އެ ފޮތުގައި ޝާހިދު ވިދާޅުވެފައި ވަނީ ދީނީ ގޮތުން އިބްރަތް ލިބޭ ގޮތަށް ބައްޕަ ޅެންތައް ގެނެސްދެއްވާފައި ވަނީ އިސްލާމީ އުސޫލްތަކާއި ދިރިއުޅުމުގެ ތެރެއިން ކަމަށެވެ. ޅެންތަކުގައި އެ ހިތާމަވެރި ހާދިސާގެ ތަފުސީލްތަކާއި ކަންހިނގައި ދިޔަ ގޮތާއި އެ ދެބެންގެ މައުލޫމާތާއި އެފަދަ ހިތާމަތަކާ ކުރިމަތިލުމުގައި އޮންނަ އިސްލާމީ އުސޫލްތަކާއި ދީނީ ހެޔޮ ނަސޭހަތާއި ދުނިޔަވީ ފިލާވަޅުތަކެއް ދީފައިވާ ކަމަށެވެ.
"މިޅެންތައް އެއްފޮތަކަށް ހެދުމުގެ ބޭނުމަކީ ބައްޕައަށް ކުރިމަތިވި އެންމެ ބޮޑު ހިތާމާގައި އެކަމާ ކުރިމަތި ލެއްވުމަށް ކުރައްވާފައިވާ ކެތްތެރި އަދި އަގުހުރި މަސައްކަތްތައްޕުޅު ހިއްސާ ކުރުމެވެ. އޭގެ ސަބަބުން އަޅުގަނޑުމެނަށް ފިލާވަޅުތަކެއް ލިބުމުގެ ފުރުސަތު ހޯދުމެވެ. ކޮއްކޮމެންގެ ހަނދާން އާކޮށް ޒިކްރާ ކުރުމެވެ."
އެ ފޮތުގައި މޫސާ ޖަމީލު ލިޔުއްވާފައިވާ ގޮތުގައި އެ ޅެން ތަކަކީ އޭނާގެ އަންހެން ދެބެން އަވަހާރަވި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތަށް ވަން ޝުއޫރުތަކެކެވެ. އެކަމަކު ޅެންވެރި ކަމާއި ޅެންހެދުމާއި އެކަންކަން ކުރަން ބެނުންވާ މީހަކަށް ފައިދާތަކެއް ކުރާނެހެނެވެ. އުމުރުފުޅުން މިހާރު އައްޑިހައަށް ވުރެ މައްޗަށް ގޮސްފައިވާ މޫސާ ޖަމީލުގެ ބޮޑު ބޭބެއަކީ ހުސައިން ސޮލާހުއްދީނެ އެއީ ދިވެހި ޅެންވެރި ކަމުގެ "ފަތިހުގެ ތަރި" އެވެ.
އެެއް ބަފާ ޝައިހު މުހައްމަދު ޖަމީލް ދީދީއަކީ ޅެންވެރި ކަމުގެ "އުޖާލާވި ރަންތަރި" އެވެ. މޫސާ ޖަމީލް ވެސް ކުރިންސުރެ ޅެން ހައްދަވައެވެ. ކުރީގެ މަޖައްލާ "ސޫލާ" އަށް ވެސް ޅެން ލިޔުއްވި އެވެ. މި ޅެން ފޮތުގައި ހިމެނޭ "މަރުގެ ނިދާ އައުމުން" އެއީ އޭގެ ޅެމެކެވެ. -- މޫސާ ޖަމީލްގެ އެހެން ވާހަކަތައް ދެން ފަހަރަކަށް ދޫކޮށްލީ އެވެ. --
ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާގެ އޮތީ އެންމެ ފޮޓޯގަނޑެކެވެ. އެއީ އަބްދުﷲ ޝާހިދާއެކު ނަގާފައިވާ ފޮޓޯގަނޑެކެވެ. އެޒަމާނުގައި ފޮޓޯ ނެގި ނަމަވެސް މިހާރުހެން ފޮޓޯ ނެގުމަކީ ފަސޭހަ ކަމެއް ނޫނެވެ، އެ ގޮތުން ކޮއްކޮމެންގެ ފޮޓޯއެއް ނެގިފައި އޮތީ ރަބީއުލް އައްްވަލު މަހެއްގެ އެއްވަނަ ދުވަހެއްގަ އެވެ. ގައުމީ ދުވަހެއްގަ އެވެ.
"އެދުވަހަކީ އެތައް ޒަމާނެއްކޮށްފައި ރާއްޖޭގައި އަލަށް ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތް ބާއްވައި ނަތީޖާ ފާޅު ކުރި ދުވަސް އެ މުބާރާތުގައި މުޅި ރާއްޖެއިން އެއްވަނަ އަށް ދިޔައީ އަޅުގަނޑު. އެދުވަހު އަޅުގަނޑަށް ލިބުނު ތަށި ހިފައިގެން ކޮއްކޮމެނާއެކު ފޮޓޯއެއް ނެގީ އެކަމަކު އަލި އެޅިފައި ހުރި ގޮތުން ވަރަށް ނުސާފު. ދެން އެ ފޮޓޯއިން ބަލައިގެން އެ ދެބެންގެ ފޮޓޯ ވަކިން އެވަނީ ކުރައްސާފައި. އެ ފޮޓޯ އެންހޭންސްކޮށް ހަދައިގެން ވެސް އެހާ ސާފެއް ނުވި ކުރެއްސީ ޔޫއެންއަށް އަޅުގަނޑު ކުރި ދަތުރުތަކުގައި 1993 ވަނަ އަހަރު ނިއުޔޯކުން ދިމާވި މީހަކު ލައްވާ. އެކަމަކު ވަރަށް ވަރަށް އެއް ވައްތަރުކޮށް އޭނާ ވަނީ އެ ދެބެންގެ ފޮޓޯ ކުރަހާ ދީފައި،"
ޝާހިދު ވިދާޅުވާ ގޮތުގައި އަވަހާރަވި އެ ދެބެންނާ އޭނާއާ އޮންނަނީ ވަރަށް ގާތް ބަދަހި ގުޅުމެކެވެ. އަބަދު ވެސް އުޅުނީ ސަކަރާތް ޖެހުމާއި ސަމާސާ ކުރުމުގަ އެވެ.
"އަޅުގަނޑު އެންމެ ހަނދާންވަނީ ދަތުރަށް ފުރާ ވަޑައިގަތުމަށް ދޯނި ކައިރި ކުރުމާއެކު ބޭފުޅުން އަރާ ވަޑައިގަތީމަ އަޅުގަނޑުވެސް ދޯންޏަށް އެރިއެރުން އަދި ދާނަމޭ ކިޔާފައި އަދި އެ ދެބެންނާ ސަމާސާކޮށް ސަކަރާތް ޖަހަމުން ގޮސް އަޅުގަނޑު ނުުލައި ވަޑައިގަންނަވަނީ ނޫންހޭ، ސަލާމެއްވެސް ނުކުރާނަމޭ ކިޔާފާފައި ދޯނިން ފުންމާލި ވަގުތު،"
ބައްޕަގެ ޅެންތަކުން މާނައެއް ނެގޭ ވަރަށް ރޫޅައިލައިގެން އެ ދެބެންގެ ވަކިވުން ސިފަ ކުރައްވަމުން ޝާހިދު ވިދާޅުވަނީ އެއީ "ހަޔާތުގެ މުސަތަގުބަލަށް އެއިން އަލިވާނެޔޭ ހީވި ދެ ހަނދު އޮއްސިގެން ދިއުން" ކަމަށެވެ. އަދި މިހާރު އެމަނިކުފާނަށް ވަޑައިގެންނެވިފައިވާ ހިސާބާއި މިހާރުގެ ސިޔާސީ މާހައުލާ ގުޅުވާލައި ވިދާޅުވީ "މިއަދު އެ ދެބެން ތިބި ނަމަ ވަރަށް މަޖާވީސް،" ކަމަށެވެ.