ދުވަސް ދުއްވާލާ، ހޭއަރުވާލާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގަށް އިންޒާރު ދެއްވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގަ އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ ނަން އިއްވުމުން މަޖިލީހުން ނިކުމެ ވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް ނަޝީދު އިންޒާރު ދެއްވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންޒާރު ދެއްވީ މައިކް ކަނޑާލުމަށް ފަހު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ދުވަސް ދުއްވާލާ، ހޭއަރުވާލާނެ ކަމަށް ވިދާޅުވެ ނަޝީދު އިންޒާރު ދެއްވި އަޑު އިވިވަޑައިގެން އެތައް ބޭފުޅުންނެއް މަޖިލީހުގައި އެބަތިއްބެވި ކަމަށެވެ.
"އަޅުގަނޑުމެން ބަލަންތީމު މިއަދު އަޅުގަނޑުމެންގެ މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ތޯރިގުގެ ނަން އިއްވާފަ އޭނާ ނުކުންނަން ދިޔަ ވަގުތު މަޖިލީސް ރައީސް ކަމުގެ މަގާމުގައި އިންނަވައިގެން ރައީސް ނަޝީދު އޭނާއާ ދިމާއަށް ޖެއްސި ވައްތަރު އަޅުގަނޑުމެން ދުށިން. ކައިރީގައި ތިއްބެވި ބޭފުޅުން އަޑުއެހި. އެމަނިކުފާނު ވިދާޅުވީ މައިކް ކަނޑުއްވާލައްވާފައި 'ގައިގަވެސް އަތްލާނަމޭ، ކަލޭ ދުވަސް ވެސް ދުއްވާލާނަމޭ، ހޭ އަރުވާލާނަމޭ' މަޖިލީސް ރައީސްގެ ގޮނޑީގައި އިންނަވައިގެން މައިކް ކަޑުއްވާލައްވާފައި ވިދާޅުވި. އޭރު އެމަނިކުފާނު އަރިހުގައި ތިއްބެވި ބޭފުޅުން އެބަތިއްބެވި." އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށެވެ. އަދި އެހެން ދެއްވާ އިންޒާރަކަށް އިދިކޮޅު ފަހަތަށް ވެސް ނުޖެހޭނެ ކަމަށެވެ.
ނަން އިއްވައި ރައްޔިތުންގެ މަަޖިލީހުން އިދިކޮޅު ފަސް މެންބަރަކު މިއަދު މަޖިލީހުން ވަނީ ނެރެފައެވެ.