ދުނިޔެ

ހޮންގްކޮންގުގެ ލީޑަރަށް ފުރިހަމަ އިތުބާރު އެބައޮތް: ޗައިނާ

ހޮންގްކޮންގުގައި ލީޑަރު ކެރީ ލޭމްއާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާގައި އޭނާގެ އިސްތިއުފާއަށް ގޮވާލަމުންދާތީ ޗައިނާގެ ރައީސް ޝީ ޖިންޕިން މުޒާހަރާގެ ބައިވެރިންނަށް ރައްދު ދެއްވައިފި އެވެ. މުޒަހާރާގެ ބައިވެރިންނަށް ރައްދު ދެއްވާ ޝީ ވިދާޅުވީ، އޭނާގެ ފުރިހަމަ އިތުބާރު ކެރީ ލޭމްއަށް އެބައޮތް ކަމަށެވެ.

ހޮންގްކޮންގުގައި މިހާރު އޮތް ޗައިނާގެ ނުފޫޒު ކަނޑުވާލަން މުޒާހަރާގެ ބައިވެރިން ދަނީ އެމެރިކާގެ އެހީއަށް އެދެމުންނެވެ. އަދި ހޮންގްކޮންގުގެ މިނިވަން ދައުލަތަކަށް ހެނދުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. ފަސް މަސް ދުވަސް ވެފައިވާ މިމުޒާހަރާތައް އެންމެ ފުރަތަމަ ފެށުނީ، ހޮންގްކޮންގުން ފާސްކުރަން އުޅުނު އެކެސްޓްރެޑިޝަން ބިލުގައި ހޮންގްކޮންގަށް ނުފޫޒު ފޯރުވޭ ގޮތަށް ގިނަ ބާރުތަކެއް ޗައިނާއަށް ދީފައިވާތީ އެވެ.

ބިލް އަނބުރާ ގެންދިޔަ ނަމަވެސް ހޮންގްކޮންގުގެ ރައްޔިތުން ދަނީ ކެރީ ލޭމް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. ހޮންގްކޮންގުގެ ރައްޔިތުން ދެކޭ ގޮތުގައި ކެރީ ލޭމް ގައުމުގެ ލީޑަރުގެ މަގާމުގައި ހުރެޖެއްނަމަ ހޮންގްކޮންގު އެއްކޮށް ޗައިނާގެ އަޅުވެތިކަމަށް ދާނެ އެވެ. ކެރީ ލޭމް އާއި ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މިތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ޗައިނާގެ ރައީސް ކެރީ ލޭމްއަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެފައިމިވަނީ، ކެރީ ލޭމް މަގާމުން ދުރުކުރުމުގެ މަސައްކަތް ޗައިނާއިން ފަށާފައިވާ ކަމަށް ބުނެ ޗައިނާގެ ނޫސްތަކުން ބުނެފައި ވަނިކޮށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ޝީ ދެއްވާފައެއް ނުވެ އެވެ.