ހަބަރު

ޝަރީއަތްތައް ލަސްވާ ސަބަބު ހޯދާ ޓާސްފޯހެއް ހަދަން ފާސްކޮށްފި

ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ލަސްވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ޓާސްކް ފޯހެއް އެކުލަވައިލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން ޖޭއެސްސީއަށް އެ ގޮތަށް ލަފާ ދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކްރިމިނަލް ކޯޓުގައި ނުނިމި ދިގު ދެމެމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ޖޭއެސްސީން ވަނީ ރިޕޯޓެއް އެކުލަވާލައި މަޖިލީހަށް ރިޕޯޓް ހުށަހަޅައިފަ އެވެ. އަދި އެ ރިޕޯޓާ ގުޅިގެން މަޖިލީހުން ދެވެން އޮތް ލަފައެއް ދިނުމަށް ޖޭއެސްސީން ވަނީ އެދިފަ އެވެ.

އެ ރިޕޯޓް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި ވަނީ، ކޯޓުތަކުގައި މައްސަލަ ލަސްވާ ސަބަބު ހައްލު ކުރަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތަމްސީލު ވާނެ ގޮތަށް އިންޓަ އެޖެންސީ ޓާސްކް ފޯހެއް އެކުލަވާލުމަކީ ހައްލެއް ކަމުގައި ކޮމިޓީއަށް ފެންނަ ކަމަށެވެ. މަޖިލީހުން މިއަދު ފާސްކުރީ ކޮމިޓީގެ ރިޕޯޓެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން، އެ ޓާސްކް ފޯސްގެ މެންޑޭޓްތަކުގެ ތެރޭގައި، މައްސަލަތައް ނުލެބި ލަސްވަމުންދާ ސަބަބުތައް ހޯދައި، އެ ކަން ހައްލު ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ފާހަގަ ކުރުން ހިމެނެ އެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރަންވީ ކަންކަން ހިމަނައި ރިޕޯޓެއް އެކުލާވަލުން ވެސް ހިމެނެ އެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓުގައިވާ ގޮތުން، ކްރިމިނަލް ކޯޓުގައި ނުނިމި 1900 އަށްވުރެ ގިނަ މައްސަލަ ހިނގަމުންދެ އެވެ. އޭގެ ތެރޭގައި 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައަކާއި، ފަސް އަހަރަށްވުރެ ގިނަސް ދުވަސްވެ 10 އަހަރު ހަމަނުވާ 12 މައްސަލައެއް ހިމެނެ އެވެ.

ޖޭއެސްސީގެ އެ ރިޕޯޓުގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ބަލަން ފެށި މައްސަލަތަކުގެ ތެރެއިން އެކިއެކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.