ޕީޕީއެމް

ރައީސްކަމުގެ ޝަރުތު ގެއްލިއްޖެ، މަގާމުން ދުރު ކުރަންޖެހޭ: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރައީސްކަމުގެ ޝަރުތު މިހާރު ގެއްލިފައިވާ ކަމަށާއި، ހުކުމެއް އިއްވާއި މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި ވަނީ މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާގައި އެންމެ ފުރަތަމަވެސް އަންނާނީ މާތް ވެގެންވާ އިސްލާމްދީން ކަމަށާއި އެއަށްފަހު ނޫނީ އެހެން އެއްވެސް ކަމެއް ނާންނާނެ ކަމަށެވެ.

ނަމަވެސް، އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ވަގުތުން ވަގުތަށް ފިޔަވަޅު ނޭޅުމުން އެ ހުވަޔާ ހިލާފުވެފައިވާ ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަން އަބްދުއްރަހީމް ވަނީ އުއްތަމަ ފަނޑިޔާރަށް އިލްތިމާސް ކުރައްވައިފަ އެވެ.

އަދި މިއަދު ގައުމު މިއޮތް ހާލަތާމެދު ވިސްނާފައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އުއްތަމަ ފަނޑިޔާރު އެމަނިކުފާނުގެ ޒިންމާ ނެގުމަށްވެސް އަބްދުއްރަހީމް ވަނީ ގޮވާލައްވާފަ އެވެ. އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރުގެ ވެރިޔަކީ އުއްތަމަ ފަނޑިޔާރު ކަމަށްވެފައި މި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ހަލާކުވެގެން ދާއިރު އެމަނިކުފާނުގެ ޒިންމާ އަދާ ނުކުރައްވަނީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

"މި ބީދައިން ރާއްޖޭގެ ހާލަތު ދާނަމަ ރާއްޖޭގެ މިނިވަން ކަން ގެއްލިދާޏެ ކަމުގެ ބިރު މިހާރު އެބައޮތް އަޅުގަނޑުމެންނަށް. މިނިވަންކަން އެކަންޏެއްވެސް ނޫން. މާތް ވެގެންވާ އިސްލާމް ދީންވެސް އަޅުގަނޑުމެން އަތުން ބީވެގެން ހިނގައިދާނެ.އަދި ކޮބާ ރާއްޖޭގެ އަދުލު އިންސާފް ގެއްލި ހިނގައިދާނެ ކަމުގެ ބިރުވެސް އިންތިހާއަށް އެބައޮތް. އެހެންވީމަ މި ސަރުކާރުން ގާނޫނު އަސާސީ އާއި ޚިލާފު ވެގެން އުޅޭ މައްސަލަ ސުޕްރީމު ކޯޓުން އިސްނަގައިގެންވެސް ބަަލަންޖެހޭނެ."އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ކުންފުނިތަކާއި ޖަމިއްޔާތައް އުވާލުމުން ތަހުގީގުތައް ނިމޭނަމަ ގާޒީ ހައިލަމްގެ މައްސަލަ ނުބަލާ ސުޕްރީމްކޯޓުވެސް އުވާލަންވީ ކަމަށެވެ. އަދި ވިދާޅުވީ އިސްލާމްދީނާއި މާތް ނަބިއްޔާއަށް ހަޖޫ ޖަހައި ރިޕޯޓު ނެރުނު މީހުންނަށް ފިޔަވަޅު ނާޅާ އެމީހުންނަށް ތަހުގީގު ނުހިންގާ އެޖަމިއްޔާ އުވާލުމުން ތަހުގީގު ކުރަން ނުޖެހޭނަމަ ސުޕްރީމް ކޯޓު އުވާލުމުން ގާޒީ އަހުމަދު ހައިލަމްގެ މައްސަލަވެސް ތަހުގީގު ކުރަން ނުޖެހޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ހަމަ އެގޮތަށް އެމްއެމްޕީއާރްސީ އުވާލުމުން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކުރާ މަނީ ލައުންޑްރިންގެ ދައުވާގެ ހުކުމެއްވެސް ކުރަން ނުޖެހޭނެ ކަމަށާއި އެ ފައިސާގެ ވާހަކަ އެއްވެސް މީހަކު ނުދައްކާނެ ކަމަށެވެ.