ގުޅިފަޅު

ހުއްދަނެތި ތިލަފުއްޓާއި ގުޅިފަޅުގައި ބަހައްޓާފައިވާ ތަކެތި ނައްތާލަނީ

ތިލަފުއްޓާއި، ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭ ގޮތަށް ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާ، މުދާތައް ނަގަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ފަހު ފުރުސަތު ދީފި އެވެ.

އެ ކުންފުނިން ބުނީ ތަކެތީގެ ތިލަފުއްޓާއި، ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް އާންމު ސަރަހައްދުތަކުގައި ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާ، މުދާތަކުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަނަށް ދަތިވަމުންދާ ކަމަށެވެ. އަދި ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ދަތިވާތީ، އެތަކެތި ނެގުމަށް އެކިފަހަރުމަތިން އަންގާ އެތައް ފުރުސަތެއް ދެވިފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް އެތަކެތި ނަގާފައިނުވާތީ، ފަހު ފުރުސަތެއްގެ ގޮތުގައި ޑިސެންބަރު އެއްވަނަ ދުވަހުގެ ކުރިން އެތަކެތި ތިލަފުއްޓާއި ގުޅިފަޅު ސަރަހައްދުން ނަގާ ސާފުކުރުމަށް އަންގާ ކަމަށެވެ. އަދި އެ މުއްދަތުގައި ތަކެތި ނުނަގައިފިނަމަ، އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށް ވަނީ ބުނެފައެވެ.