ޑރ. މުހައްމަދު ޖަމީލް އަހުމަދު

މި ޖޭއެސްސީއާއެކު ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ: ޖަމީލު

މިހާރު އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއްވެސް ރައްޔިތަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމަނިކުފާނުގެ ގަނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައި ވަނިކޮށް، އެ މައްސަލަ ބަލާ ގާޒީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ވަކި ކުރުމަކީ ޝަރުއީ ކޯޓުތަކަށް ބިރު ދެއްކުމަށް ކުރި އަމަލެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީލޯންޑަރިންގެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތުގެ އަޑުއެހުން މިއަދު މެންދުރުފަހު ތާވަލުކޮށްފައިވަނިކޮށް، ޖޭއެސްސީން ވަނީ އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކޮށްފަ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ގާޒީ ހައިލަމް ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖެއްގެ މައްސަލައެއްގަ އެވެ. ގާޒީ ހައިލަމް ފޮނުއްވި މެސެޖްގައި ހިމެނޭ ކުރެހުމުގައި ވަނީ ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނުގަނޑު ދަމައިގެން ގެންދާ ތަނެވެ.

އެ މައްސަލައާ ގުޅިގެން ޖަމީލު ވިދާޅުވީ މިހާރު ޖޭއެސްސީ އޮތް އެކުލެވުމާއި އަދި އެ ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ރައީސް ޔާމީނަށް ވެސް އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ޖޭއެސްސީގައި މިހާރު ތިބި ފަރާތްތަކީ ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިންނެވެ. އެ ގޮތުން ވަކިން ހާއްސަކޮށް އެ ކޮމިޝަންގައި އިންނަވާ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އޭނާ ފާހަގަ ކުރެއްވި އެވެ. ޔާމީންގެ ވާދަވެރިންނަށް އެމަނިކުފާނުގެ މައްސަލަ ބަލާ ގާޒީންގެ މައްސަލަތައް ތަހުގީގު ކުރެވޭނެ، އިންސާފުވެރި ޝަރީއަތެއް ލިބޭނީ ކިހިނެއްތޯ ޖަމީލު ސުވާލު ކުރެއްވި އެވެ.

"ކިހިނެއްތޯ އެއް ފަރާތުގައި ރައީސް ނަޝީދު ހުންނަވައި، ރައީސް ނަޝީދަކީ ރައީސް ޔާމީނުގެ ސިޔާސީ ވާދަވެރިއެއް، ވެރިކަން ކުރާ ޕާޓީގެ ރައީސް، އަނެއް ކޮޅުގައި ހުންނެވީ އިދިކޮޅު ލީޑަރު، އެހެން އޮއްވައި ރައީސް ނަޝީދުގެ ކޮންޓްރޯލް އޮތް ބޮޑީއަކަށް ކިހިނެއްތޯ ރައީސް ޔާމީނަށް އިންސާފެއް ދެވޭނީ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ޖޭއެސްސީގެ ގާނޫނުގައި ވަރަށް ސާފުކޮށް އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވަރަށް ތަފުސީލުކޮށް ބަޔާން ކޮށްދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖޭއެސްސީން މިހާރު އެ ކޮމިޝަނަށް ގާނޫނުން ލިބިދީފައިވާ އިހްތިސާސްތަކުގެ ބޭރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހަވާލާ ދެއްވައި ޖަމީލު ވިދާޅުވީ ފަނޑިޔާރުން ނިންމާ ނިންމުމާ ކުރައްވާ ހުކުމްތަކާ ގުޅިގެން އެެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމުގެ ބާރެއް ޖޭއެސްސީއަށް ވެސް އަދި އެހެން އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށެވެ.

"ޖޭއެސްސީން މިދިޔަ ދުވަސްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަކުރާރުކޮށް ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ތެރެއާއި އެހެނިހެން ކޯޓުތަކުގެ އިހްތިސާސްތަކުގެ ތެރެއަށް ވަދެފައިވާ މަންޒަރު، ކޯޓުތަކުގެ ގާނޫނުގައި އޮވޭ ދިވެހިރާއްޖޭގެ އެއްވެސް ހާލަތެއްގައި ޝަރުއީ ނިޒާމު އަދި ޖުޑިޝަރީގެ ނިޒާމުގެ ބެލެނިވެރި ފަރާތަކީ ޖޭއެސްސީއެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު އިތުރަށް ވިދާޅުވީ މި ސަރުކާރު އައިސްފައި ވަނީ ވެސް ޖޭއެސްސީގެ އެކުލެވުމަށް ފާޑުކިޔައި އިންސާފުވެރި ފަނޑިޔާރުގެއެއް ގެނެސްދޭނެ ކަމުގެ ވައުދާ އެކުގަ އެވެ. ނަމަވެސް އަމަލުތަކުން މިހާރު ގަބޫލު ކުރެވެނީ ސަރުކާރުން މަސައްކަތް ކުރަނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޖުޑިޝަރީގެ ކޮންޓްރޯލް އެ ބޭފުޅުންގެ އަތް މައްޗަށް ނަގަން އުޅޭ ކަމަށެވެ.

"މި ސަރުކާރު އައި އިރުގައި ދެއްކި އެއް ވާހަކައެއް އެއީ މިނިވަން އިންސާފުވެރި އަދުލުގެ ނިޒާމެއް ގާއިމު ކޮށްދޭނެ ވާހަކަ، އެކަން އަޅުގަނޑަށް މިހާރު މާނަކުރެވެނީ ތިމަންނަމެން ބޭނުންގޮތަކަށް ހިންގަން ފަނޑިޔާރުގެ ކޮންޓްރޯލް ނެގޭނެ ނިޒާމެއް ގާއިމު ކުރުމުގެ ވާހަކައަށް،" މި ސަރުކާރު ގެނައުމަށް ވެސް އެންމެ އިސްކޮށް އުޅުއްވި ޖަމީލު ވިދާޅުވި އެވެ.