ސީލައިފް ކުންފުނިން ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ފްލެޓް ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންނަށް ބަދަލު ހޯދުމަށް ހުށައެޅުމުގެ ފަހު ފުރުސަތު އެޗްޑީސީން ދީފި އެވެ.
އެޗްޑީސީން މިއަދު ބުނީ ސީލައިފް ކުންފުނިން ފްލެޓް ގަތް މީހުންގެ ތެރެއިން ސިވިލްކޯޓްގެ ގަޒިއްޔާގައި ނުހިމެނޭ މީހުންނަށް ބަދަލު ހޯދުމަށް ހުށައެޅުމުގެ ފަހު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެކަމަށް އެދި ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކޯޕަރޭޝަނަށް ހުށައެޅުމަށް ވަނީ އެދިފައެވެ. އެޗްޑީސީން ބުނީ އެކަމަށް އެދި ހުށައަޅާއިރު ސީލައިފް ކުންފުނިން ފްލެޓް ގަތުމަށްވެފައިވާ އެއްބަސްވުމާ، ފައިސާ ދެއްކި ރަޝީދު އަދި އަައިޑީކާޑްގެ ކޮޕީ ހުށައަޅަންޖެހޭނެ ކަމަށެވެ.
"މި މުއްދަތަކީ ލިޔެކިޔުންތައް ހުށައަޅަންދެވޭ އެންމެ ފަހު ފުރުސަތުކަމުން، މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެ ކަމުގައި ދެންނެވީމެވެ." އެޗްޑީސީގެ ބަޔާނުގައިވެއެވެ.
ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާނުކުރި މަޝްރޫއާއެކު އެޕާޓްމަންޓުތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ފައިސާ ދައްކާފަ އެވެ. އެ މީހުން ސީލައިފްއިން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ. އެހެންކަމުން ފްލެޓަށް ފައިސާ ދެއްކި ގިނަ ފަރާތްތަކުން ވަނީ ސީލައިފްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ނިމުނީ، އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދިނުމަށެވެ.
ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުން ސީލައިފްއާ ދެކޮލަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެޗްޑީސީ ވެސް ހިމެނޭ ގޮތަށްވުމުން، އެޗްޑީސީން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ސީލައިފުން ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.