ގާސިމް އިބްރާހިމް

ސަރުކާރުން ހުށައެޅި ބަޖެޓް އެމްޑީޕީއަށް ކަމަކުނުދިޔަ: ގާސިމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ކަމުނުދިޔަ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ އެ ޕާޓީއަށް މެންބަރުންތަކެއް ސޮއި ކުރަން މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމްގެ ފިނޭސް މިނިސްޓަރު ކަމުގައި ހުށައެޅުއްވި ބަޖެޓަށް އެމްޑީޕީން ދެކޮޅު ހަދާފައިވާކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ 2020 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓް ސަރުކާރުން ހުށައަޅާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުތައް ފުއްދަން ކަމަށެވެ.

ނަމަވެސް ގާސިމް ވިދާޅުވީ ސަރުކާރުން ހުށައެޅި ބަޖެޓް އެމްޑީޕީއަށް ކަމުނުދިޔަ ކަމަށެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ބަޖެޓާއި ގުޅޭ ގޮތުން މިހާތަނަށް ދެއްކެވި ވާހަކަފުޅުން އެއީ ރައީސް މައުމޫންގެ ދައުރުގައި ހުށައެޅި ބަޖެޓަކަށް އެ މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކެއްހެން ހީފުޅުވާ ކަމަށެވެ. އެހާވެސް ބޮޑަށް ރައީސް ސޯލިހްގެ ސަރުކާރުން ހުށައެޅި ބަޖެޓާ ދެކޮޅަށް ބައެއް މެންބަރުން ވާހަކަފުޅު ދައްކަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވެސް ގާސިމް ވަނީ އެމްޑީޕީން މި ސަރުކާރު ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ވިދާޅުވީ ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން، މި ސަރުކާރު ހިނގާލެއް ލަސް ކަމަށް އެމްޑީޕީން ބުނަމުންދާ ކަމަށާ ނަމަވެސް ސަރުކާރު ހިނގާލެއް ލަސް ނޫން ކަމަށެވެ.

"ގަހެއްގައި އިންނަ އަނބެއް ބިނދެލާހެން ރައީސުލްޖުމްހޫރިއްޔާ ވައްޓައެއް ނުލެވޭނެ،" ކަމަށް ވިދާޅުވެ ގާސިމް ވަނީ ރައީސް ސޯލިހު ވެރިކަން ކުުރެއްވުމުގެ ފުރުސަތު ދެއްވުމަށް ގޮވާލައްވާފަ އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެ މަނިކުފާނު ބަޖެޓެއް ހުށައެޅުއްވީމަ، އެމްޑީޕީގެ މެންބަރުން ކަންބޮޑުވެއްޖެ. ކީކޭތޯ ބުނާނީ! ކޮން ވާހަކައެއްތޯ ދައްކާނީ! މި ބޭނުން ވެގެން މި އުޅެނީ ކޮންކަމެއްތޯ؟ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ހާސިލުވިޔަ ނުދީ ސަރުކާރުން މަސައްކަތް ކުރެވޭ ވަރު މާލެހޭ ކިޔައިގެން ތަޅުވާފޮޅުވައިގަނެގެން ވެސް 'ގަހެއްގައި އިންނަ އަނބު ބިނދެލާހެއް ރައީސުލް ޖުމްހޫރިއްޔާ ވައްޓާލަން.' ބަލަ އެހެނެއް ނުހެދޭނެ އިނގޭތޯ!" ގާސިމް ވިދާޅުވި އެވެ

ގާސިމް މިރޭ ވަނީ އެމަނިކުފާނު ކޮށްދެއްވާ ކަންތައްތަކަކީ ސިޔާސީ މަންފާ ހޯއްދަވަން ކުރައްވާ ކަންތައްތަކެއް ކަމަށް ބުނެ ވާދަވެރިން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ.

ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކާއި ގުޅިގެން މެދުކެނޑުމެެއްނެތި މަސައްކަތް ކުރަނީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވަން ކަމަށެވެ.