ކުޅިވަރު

ނަސްލީ އިމްތިޔާޒު ގަދަވެ ޔޫރަޕްގެ ފުޓްބޯޅަ ހަލާކަށް

ތަހުޒީބާއި ރަށްވެހި ކަމުގައި އެންމެ ކުރިއަރާފައިވާ އެއް ބައްރަށް ޔޫރަޕް ކަމަށް ބުނެ އެވެ. ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވީ ނަމަވެސް ޔޫރަޕް ވަނީ ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވުރެ މާ އުހުގަ އެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ކުޅިވަރަކީ ފުޓްބޯޅަ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެންމެ މަގުބޫލު ބައްރަކީ ޔޫރަޕެވެ. ފުޓްބޯޅަ އެންމެ ކުރި އަރާފައިވާ ބައްރަކީވެސް އެއީ އެވެ.

އެހެންނަމަވެސް ޔޫރަޕުން އަދިވެސް އޭގެ ނުފިލާ ނަސްލީ ތަފާތު ކުރުންތަކާ ހެދި ޔޫރަޕްގެ ފުޓްބޯޅައަށް އޮތް ގޮންޖެހުން އެހާ ބޮޑެވެ. ޔޫރަޕްގެ ފުޓްބޯޅައަށް އޮތް ހަލާކަކަށް ވާނީ އެ ބައްރުގެ ގިނަ ގައުމުތަކުގައި އޮތް ނަސްލީ ތަފާތު ކުރުމެވެ. ކަޅު މީހުންގެ މައްޗަށް ދޮން މީހުންނަކީ "މާ ގަދަ" ބައެއް ކަމުގެ ނުބައި ވިސްނުން ވަދެ ކަޅު ނަސްލުގެ މީހުންނާ ދީމާކޮށްލާފައި، އެގޮވާ ފަތިވަރުތަކުގެ އަޑު އެންމެ ގިނައިން އިވޭނީ ފުޓްބޯޅަ ދަނޑުތަކުންނެވެ.

އިޓާލިއަން ލީގްގައި މިދިޔަ ހަފުތާގައި، ބުރޭޝާ އާއި ހެލަސް ވެރޯނާ ކުޅުނު މެޗުގައި ބުރޭޝާގެ ފޯވަޑް މާރިއޯ ބަލޮޓެލީއަށް ނިސްބަތްކޮށް ވެރޯނާގެ ސަޕޯޓަރަކު ނަސްލީ ގޮތުން ދިމާ ކުރުމުން، ފައި ދަށުގައި އޮތް ބޯޅަ އަތަށް ނަގައި ބަލޮޓެލީ ވަނީ ނަސްލީ ގޮތުން ދިމާކުރި ސަޕޯޓަރާ ދިމާލަށް ބޯޅަ އެއްލައި ޖަހާފަ އެވެ. މެޗުގެ އޮފިޝަލުންގެ ސަމާލުކަމަށް އެކަންތައް ގެނައުމަށް ބަލޮޓެލީ ކުރި ކަންތަކަށް ތައުރީފު އޮހުނެވެ. ވެރޯނާއަށް ޖެހުނީ ދިގު މައްދަތަކަށް ސަޕޯޓަރު ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކުރާށެވެ.

ސާބިއާގެ ކްރްވިނާ ޒްވެޒްޑާ ނުވަތަ ރެޑްސުޓާ އާއި އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް، ޗެމްޕިއަންސް ލީގްގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗަށްވެސް ވަނީ ނަސްލީ އިމްތިޔާޒުގެ ހިޔަނި އެޅިފަ އެވެ. ފުރަތަމަ ލެގް މެޗުގައި އުތުރު ލަންޑަންގައި ކުޅުނު މެޗަށް ރެޑްސްޓާގެ ސަޕޯޓަރުން ދިއުން ޔޫއެފާއިން މަނާ ކުރީ، ޗެމްޕިއަންސް ލީގް ކޮލިފައިންގައި ފިންލޭންޑްގައި ކުޅުނު މެޗުގައި ރެޑްސުޓާގެ ސަޕޯޓަރުން ނަސްލީ ގޮތުން އިދިކޮޅު ޓީމުގެ ކުޅުންތެރިޔަކާ ދިމާކޮށްލުމުންނެވެ.

މިރޭގެ މެޗުގެ ކުރިން ރެޑްސްޓާއިން އެންމެ ފުރަތަމަ ޔަގީންކަން ދޭން ޖެހުނު ކަމަކީ ނަސްލީ ތަފާތު ކުރުމެއް ޓޮޓެންހަމްގެ ކުޅުންތެރިންނަށް ކުރިމަތި ނުވާނެ ކަމެވެ. މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ރެޑްސްޓާގެ ކޯޗް ވްލާޑަން މިލޮޖޮވިޗް ބުނީ ރެޑްސްޓާގެ ދަނޑުގައި ކުޅޭ މެޗުގައި ޓޮޓެންހަމްގެ ކުޅުންތެރިންނަށް ނަސްލީ ގޮތުން ދިމާ ނުކުރާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށެވެ.

"އަހަރެން އެންމެންނަށްވެސް ޔަގީންކަން ދެން މިތަނުގައި އެންމެންނަށްވެސް އިހްސާސް ކުރެވޭނެ ރައްކާތެރިކަން،" މިލޮޖޮވިޗް ޔަގީންކަން ދިނެވެ. "އަހަރެމެންގެ ޓީމުގައިވެސް ހިމެނޭ ހަމުގެ ކުލައިގައި ތަފާތު ކުޅުންތެރިން، އެ ކުޅުންތެރިންނަކަށް އެ މައްސަލަ ކުރިމަތި ނުވޭ، ޓޮޓެންހަމްގެ ކުޅުންތެރިންނަށްވެސް އެ މައްސަލަ (މިރޭ) ދިމާ ނުވާނެ، އަހަރެމެން ދައްކައި ދޭނަން އަހަރެމެންނަކީ ރަނގަޅަށް މެޗު ހޯސްޓް ކުރެވޭނެ ކުލަބެއްކަން، އަދި މި ގައުމަކީ ތަފާތު އެކި ނަސްލުގެ މީހުންނަށްވެސް މަރުހަބާ ކިޔާ ގައުމެއް ކަމުގައި ދައްކަން އަހަރެމެން ބޭނުންވެ."

ޔޫރޯ 2020 ގެ ކޮލިފިކޭޝަންގައި ސާބިއާ އާއި ލަގްޒަމްބާގް، ސާބިއާގައި އަންނަ ބުރާސްފަރި ދުވަހު ކުޅޭ މެޗުގައި ސަޕޯޓަރުން ނުވައްދާ ހުސް ސްޓޭޑިއަމްގައި މެޗު ކުޅުމަށް ޔޫއެފާއިން ވަނީ ސާބިއާއަށް އަންގާފަ އެވެ. އެއީ ކުރިން ކުޅުނު މެޗުތަކުގައި އެ ގައުމުގެ ސަޕޯޓަރުން އިދިކޮޅު ޓީމުގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާ ކުރުމުން ދޭ އަދަބެއްގެ ގޮތުންނެވެ.

ޔޫރޯ ކޮލިފިކޭޝަންގައި މިދިޔަ މަހު ބަލްގޭރިއާ އާއި އިންގުލެންޑް ބަލްގޭރިއާގެ ސޯފިއާގައި ކުޅުނު މެޗުގައި، ބަލްގޭރިއާގެ ސަޕޯޓަރުންގެ ފަރާތުން އިނގިރޭސި ގައުމީ ޓީމުގެ ކަޅު ކުޅުންތެރިންނަށް ނިސްބަތްކޮށް ނަސްލީ ގޮތުން ދިމާ ކުރުމުގެ މައްސަލައާ ގުޅިގެން ބަލްގޭރިއާގެ ފުޓްބޯޅަ ފެޑްރޭޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ފަރާތުން ކަޅު ނަސްލުގެ ކުޅުންތެރިންނަށް ނިސްބަތްކޮށް ގޮވި ހަޑި ބަހުރުވައާ ގުޅިގެން ޕްރެޝާ ކުރިމަތިވެ، ބަލްގޭރިއާގެ ފުޓްބޯޅަ ޔޫނިއަންގެ ރައީސް ބޮރިސްލާވް މިކަހިލޯވް އާއި ގައުމީ ޓީމުގެ ހެޑް ކޯޗް ކްރަސްމީރު ބަލަކޯވް އިސްތިފާ ދިނެވެ.

ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ޔޫއެފާއަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ އެ ޖަމްއިއްޔާއަށްވެސް އޮތް ފާޑު ކިޔުން ބޮޑެވެ. ބަލްގޭރިއާގެ ޓީމު ޖޫން މަހު ކޮސޯވާ އާއި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ނަސްލީ ގޮތުން ދިމާ ކުރިކަން ޔޫއެފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ސާބިތު ވިއެވެ. ކުރިއަށް އޮތް ޗެކް ރިޕްބްލިކް މެޗުގައި ސަޕޯޓަރުންނާ ނުލައި ގައުމީ ޓީމު ކުޅެން ވަނީ އަންގާފަ އެވެ. ކިތަންމެ ވަރަކަށް އަދަބު ދިނަސް ނަސްލީ ގޮތުން ކުރާ ދިމާކުރުންތަކަށް ނިމުމެއް ނެތެވެ.

ފުޓްބޯޅައިގައި ހިނގާ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރާ ގުރޫޕެއް ކަމަށްވާ "ކިކް އިޓް އައުޓު" ން ބުނީ ޔޫއެފާގެ ޑިސްޕްލިނަރީ މިންގަޑުންތައް އޯވަހޯލްކޮށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ނަސްލީ ގޮތުން ދިމާ ކުރުމާ ދެކޮޅަށް އަންނަ މައްސަލަތަކުގެ މަރުހަލާތައް ހާމަކަން ބޮޑު ގޮތެއްގައި ބަލާ ފިޔަވަޅު އަޅަން ޖެހޭކަން ފާހަގަ ކޮށްފައި ވެއެވެ.

ޕްރޮފިޝަނަލް ފުޓްބޯލް އެސޯސިއޭޝަންސް (ޕީއެފްއޭ) އިން ބުނީ ޔޫއެފާގެ އަދަބު ދިނުމުގެ މިންގަޑުތައް ހަރުކަށި ކުރަން ޖެހޭ ކަމަށެވެ. "މެޗުތަކަށް ހުސް ސްޓޭޑިއަމްގައި ކުޅެން އެންގުމަކުން ނުފުދޭ،" ޕީއެފްއޭއިން ބުނެފައި ވެ އެވެ. "ފިޔަވަޅުތައް ހަރުކަށި ކޮށް މުބާރާތުން ވަކި ކުރުން ފަދަ އަދަބުތައް ކަނޑައަޅަން ޖެހޭ، އެހެން ނޫނީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެވޭނެ."