ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކާއެކު ދެ ލަނޑުގެ ލީޑެއްގައި އޮތް އިންޓަމިލާންގެ މައްޗަށް ފަހަތުން އަރައި ޑޯޓްމުންޑުން 3-2 ން މެޗު ކާމިޔާބު ކޮށްފި އެވެ.
މެޗުގެ ފެށިގެން ފަސް ވަނަ މިނެޓްގައި އިންޓަގެ ލާޓޫރޯ މާޓިނޭޒް ވަނީ، އެ ޓީމަށް ލީޑް ނަގައިދީފަ އެވެ. މެޗުގެ ކުރީ ކޮޅު ލީޑް ނެގުމުން އިންޓަގެ ކުޅުންތެރިން ތިބީ އިތުބާރާއެކު އެވެ. ފުރަތަމަ ހާފު ނިމެން ފަސް ވަނަ މިނެޓަށް ވެފައި ވަނިކޮށް، މަތިއަން ވެސީނޯ ވަނީ އިންޓަގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް އެ ޓީމުގެ ލީޑް ފުޅާ ކޮށްދީފަ އެވެ.
ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ޑޯޓްމުންޑުން އެ ޓީމުގެ ފުރަތަމަ ލަނޑު އަޝްރަފް ހަކީމީ ކާމިޔާބު ކުރީ ދެ ވަނަ ހާފް ފެށިގެން ހަ ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ މާރިއޯ ގޮޓޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ 64 ވަނަ މިނެޓްގައި ޑޯޓްމުންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޖޫލިއަން ބްރާންޓް އެވެ. ޑޯޓްމުންޑް މޮޅު ކޮށްދިން ލަނޑު އަޝްރަފް ހަކީމީ ކާމިޔާބު ކުރީ 77 ވަނަ މިނެޓްގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ މި ސީޒަންގައި ޓީމުގެ ޕްލޭނިންގައި މައްސަލަ އުޅޭ ކަމަށެވެ. ބާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އިންޓައަށް މެޗު ގެއްލުނީ ފުރަތަމަ ހާފުގައި ލީޑް ނަގާފައި ވަނިކޮށެވެ. ކޮންޓޭ ބުނީ އެ މެޗުގެ ނަތީޖާއަށް ވުރެ ރޭގެ މެޗުގެ ނަތީޖާ އާމެދު ދެރަވާ ކަމަށެވެ. އެއީ ރޭ ޓީމު ބަލިވީ ދެ ލަނޑުގެ ލީޑެއްގައި ނުހިފެހެއްޓިގެންނެވެ. އިންޓަ އޮތީ ގުރޫޕްގެ ތިން ވަނައިގަ އެވެ.