ޗެމްޕިއަންސް ލީގް

އަޔެކްސްއަށް ދެ ރަތް ކާޑު، ޗެލްސީ މެޗު ހަމަހަމަ

ދެ ލަނޑު ގެ ލީޑެއްގައި ޗެލްސީގެ މައްޗަށް އަޔެކްސްއިން ކުރި ހޯދާފައި ވަނިކޮށް އެ ޓީމުގެ ދެ ޑިފެންޑަރުންނަށް ދެއްކި ރަތް ކާޑާއެކު ނުވަ ކުޅުންތެރިންނަށް މަދުވުމުން ޗެލްސީން އޭގެ ފައިދާ ނަގައި މެޗު 4-4 ން އެއްވަރު ކޮށްފި އެވެ.

މެޗުގައި 4-2 ން އަޔެކްސް ކުރިގައި ވަނިކޮށް ކައިރިކައިރީގައި އެ ޓީމުގެ ސެންޓަ ދެ ޑިފެންޑަރުން ކަމަށްވާ ޑެލީ ބްލިންޑް އާއި ޖޮއެލް ވެލްޓަމެންއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ބްލިންޑަށް ރަތް ކާޑު ދެއްކީ ޗެލްސީގެ ޓެމީ އަބްރަހަމްއަށް ކުރި ފައުލަކާ ގުޅިގެންނެވެ. ވެލްޓަމެންއަށް ރަތް ކާޑު ދެއްކީ އަޔެކްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާގެ އަތުގައި ބޯޅައިން ޖެހުމުންނެވެ.

އެ ލިބުނު ޕެނަލްޓީ އާއެކު ޗެލްސީއަށް މެޗުގެ ނަތީޖާގެ ފަރަގު އެއް ލަނޑަށް ކުޑަ ކޮށްދިނީ ޖޯޖީނިއޯ އެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓްގައި އަޔެކްސްއިން ލީޑް ނެގި އެވެ. އެ ލަނޑަކީ އެ ޓީމުން ފޮނުވާލި ހިލޭ ޖެހުން ދިފާއު ކުރަން އުޅުމުގެ ތެރޭގައި އަބްރަހަމް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ދެ މިނެޓް ފަހުން ލިބުނު ޕެނަލްޓީ އެއްގައި ޖޯޖީނިއޯ ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އަލުން އަޔެކްސްއަށް ލީޑް ނަގައިދިނީ ކްއިންސީ ޕްރޮމްސް އެވެ. މެޗުގެ 35 ވަނަ މިނެޓްގައި އަޔެކްސްއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑަކީ ޗެލްސީގެ ކީޕަރު ކެޕާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ޗެމްޕިއަންސް ލީގްގައި މެޗެއްގެ ފުރަތަމަ ހާފުގައި ޗެލްސީ ކޮޅަށް ތިން ލަނޑު ވަން ފުރަތަމަ ފަހަރެވެ.

އަކްސްގެ އަނެއް ލަނޑު ކާމިޔާބު ކުރީ ޑޮނީ ވެންޑެބީކް އެވެ. ޗެލްސީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ސެސާ އަޒްޕްލިކްއޭޓާ އެވެ. ޗެލްސީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޖޯޖީނިއޮ އެވެ. ޗެލްސީއަށް ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ އުމުރުން 19 އަހަރުގެ ރީސް ޖޭމްސް އެވެ. އެ ލަނޑާއެކު އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގްގައި ޗެލްސީއަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ ބެލްޖިއަމްގެ ޖެންކްގެ މައްޗަށް 2-1 ން މޮޅުވެފަ އެވެ. އޮސްޓްރިއާގެ ސަލްސްބާގް އާއި ނަޕޯލީގެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ޖަރުމަންގެ ލައިޕްޒިގް ވަނީ ޒެނިޓް ޕީޓާސްބާގްގެ މައްޗަށް 2-0 ން މޮޅުވެފަ އެވެ.