ކާނާ

ނޯރޯވައިރަސް އެކުލެވޭ ގަނޑުކުރި ރާސްބެރީ ރާއްޖޭގައި

ނޯރޯވައިރަސް އިން ތަޣައްޔަރު ވެފައިވާ ހިމްބީގަންޒް ބްރޭންޑުގެ ގަނޑުކުރި ރާސްބެރީއެއް ރާއްޖެ އެތެރެވެފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޯރޯވައިރަސް އިން ތަޣައްޔަރު ވެފައިވާ ގަނޑުކުރި ހިމްބީގަންޒް، ރާސްބެރީ ރާއްޖެ އެތެރެވެފައިވާ ކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އިދާރާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ބަޔާން ބުނާ ގޮތުގައި އެ މައުލޫމާތާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި އެފަދަ ބާވަތެއްގެ ރާސްބަރީއެއް ހުރިތޯ ބަލާއި ބާޒާރުން އެއެއްޗެހި ނެގުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މިހާތަނަށް ބެލިބެލުމުން އެ ބްރޭންޑްގެ ރާސްބަރީ ޑިސްޓްރިބިއުޓް ވެފައިވަނީ ހަމައެކަނި ރާއްޖޭގެ ރިސޯޓު ތަކަށް ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

"... ވީމާ މި ބްރޭންޑްގެ ގަނޑުކުރި ރާސްބަރީ ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއްކަން އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކާ ދެންނެވީމެވެ،" ބަޔާނުގައި ވެއެވެ.

"... މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން، ފުރިހަމަ މައުލޫމާތު ނެތް ރައްކާތެރިކަން ކަށަވަރު ނުވާ ގަނޑުކުރި ރާސްބެރީ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށްވެސް އަންގަމެވެ،

މީގެ ފަހުން ރާއްޖެ އެތެރެކުރާ ހިމްބީގަންޒް ބްރޭންޑްގެ ގަނޑުކުރި ރާސްބެރީ ރާއްޖެ އެތެރެކުރާއިރު ހާއްސަ ސަމާލު ކަމެއް ދީގެން ބަލަމުން ގެންދާނެ ކަމަށާއި މިއާ ގުޅޭ މައުލޫމާތެއް އޮޅުން ފިލުވުމަށް ބޭނުންވާ ނަމަ އެ އޮތޯރިޓީއަށް ގުޅުމަށް ވެސް ބަޔާނުގައި ބުފައި ވެއެވެ.

ރާސްބެރީގެ އެހެން ބައެއް ވައްތަރުތަކާ ގުޅޭ ގޮތުން މީގެ ކުރީން ވެސް އެމްއެފްޑީއޭ އިން ފުޑް އެލާޓް ނެރެފައި ވެއެވެ.