ހަބަރު

ނަޝީދުގެ "އަދަބުތަކާ" ހެދި ޖަމީލު ނުރުހިއްޖެ

Nov 6, 2019
2

ރައްޔިތުންގެ މަޖިލީހަކީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރާ ތަނެއް ކަމަށާއި، އެތަން ޖޯކަކަށް ހަދައިގެން ކޫސަނި އަދަބު ދިނުން ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ކަށިގަނޑު ފުމެމުންދާތީވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވި "އަދަބަށެވެ."

ޓޮމްގެ އަމަލުތަކާ ގުޅިގެން ރައީސް ނަޝީދު ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ޓޮމް އެ ގޮތަށް ކަށިގަނޑު ފުމުމުން ރައީސް ނަޝީދު ވަނީ ކަށިގަނޑު ނުފުމޭނެ ކަމަށް 100 ފަހަރަށް ލިޔުމަށް ފަހު ހުށަހެޅުމަށް އަންގަވައިފަ އެވެ. ނަމަވެސް، އިއްޔެ އަނެއްކާވެސް އެ އަމަލު ތަކުރާރުކުރެއްވުމުން، ނަޝީދު ވަނީ ކުރިން ދުވަހު ދިން އަދަބު ފުރިހަމަ ނުކުރައްވާކަމަށް ވިދާޅުވެ، ކަށިގަނޑު ފުމުނީތީވެ މަޖިލީހުގެ ތަޅުމުގެ ބޭރުގައި ފާރަށް މޫނު ބަހައްޓައިގެން ކޮޅަށް ހުންނެވުމަށް ޓޮމް އަށް އަންގަވައިފަ އެވެ.

އެ ވާހަކަތައް މީޑިއާތަކުންވެސް ގެނެސްދީފައިވާއިރު، ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ މަޖާކޮށް ޖޯކުޖަހަން އޮންނަ ތަނެއް ނޫން ކަމަށެވެ.

"މަޖިލިސް ރައީސަކީ ޖޯކަރަކަށް ވެގެން ނުވާނެ. މަޖިލީހަކީ އެންމެ ސީރިއަސް އެއް މަސައްކަތްކުރާ ތަން، އަމިއްލަ ވާހަކަދައްކައި މަޖާކުރަން ފާޑުފާޑުގެ ކޫސަނި އަދަބު ދީ، އަމިއްލަ ގޮތްތައް ގެންގުޅެން އޮންނަ ތަނެއް ނޫން،" މަޖިލީސް ހިނގަންޖެހޭނީ ގަވާއިދާއި އުސޫލުތަކުގެ ދަށުންކަމަށް ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

އަދި ނަޝީދު އަމަލުކުރައްވާގޮތް މީޑިއާތަކަށް "މަޖާ" ކަމަކަށް ވާތީ ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ނަވަރާވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން އައި ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވި އެއް ވާހަކައަކީ މަޖިލިސް މެންބަރުންގެ އަހްލާގީ މިންވަރު ހިފެހެއްޓުމުގެ ގޮތުން މަޖިލިސް ކުރިއަށް ގެންދާނީ މަދަރުސާއެއް ހިންގާނެ ރިވެތި އުސޫލުންނެވެ.