ހަބަރު

"ރަކީދޫގެ ސްކޫލަކަށް އިބްތިހާލްގެ ނަން އެދެވިގެންވޭ"

Nov 6, 2019
1

ވ. ރަކީދޫގައި ސްކޫލެއް އަޅާ ނަމަ މުހައްމަދު އިބްތިހާލަށް ނިސްބަތްކޮށް އެ ސްކޫލަކަށް ނަން ކިޔުމަކީ އެދެވިގެންވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރަކީދޫއަށް އެކަމަނާ ވަޑައިގެން ބެއްލެވި އިރު ވަރަށް ހިތާމަވެރި މަންޒަރުތަކެއް ފެނިވަޑައިގަތް ކަމަށެވެ.

އެ ރަށުގެ މުސްކުޅިން ތިބީ ވަރަށް އެކަނިވެރި ހާލެއްގައި ކަމަށާއި އެހެންކަމުން ރަކީދޫގައި ސްކޫލެއް އަޅަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އެ ރަށުގައި ސްކޫލެއް އެޅުމަކީ ފީޒިބަލް ކަމެއްތޯ ބަލަން ދިރާސާތަކެއް ހަދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ކަމަނާގެ ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރަކީދޫގައި ސްކޫލެއް އަޅުއްވައިފި ނަމަ އިބްތިހާލްގެ ނަން އެ ސްކޫލަކަށް ދިނުން ވަރަށް ރަނގަޅުވާނެ ކަމަށެވެ.

"އަޅުގަނޑު ހިތުން ރަކީދޫގައި މަދަރުސާއެއް ހައްދަވައިފިނަމަ އެ މަދަރުސާއަށް އިބްތިހާލްގެ ނަމުން ނަން ދެއްވުމަކީ އެދެވިގެންވާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ ރަކީދޫގައި މިހާރު ސްކޫލެއް ނުހުރެ އެވެ. އެ ރަށު ގިނަ ކުދިން ސްކޫލަށް ދަނީ ކައިރީ އޮންނަ ފުލިދޫއަށެވެ. އިބްތިހާލަކީ އެ ރަށުގައި އަނިޔާވެރި ގޮތަކަށް މަރާލި ކުޑަކުއްޖެކެވެ.