ކ. ގިރިފުށީގައި ސިފައިން ހިންގި ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް އެ ރަށް ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އަރައިފި އެވެ. ވަޒަން އަރާފައިވީ ނަމަވެސް އެމީހާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.
ވަޒަން އަރައި ޒަހަމްވެފައިވަނީ ފަތުރުވެރިއަކަށެވެ. އޭނާއަށް ފަރުވާދިނުމަށް ސީއެމްބިއުލާންސްގައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ. ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެމީހާ ގަޔަށް އަރާފައިވަނީ ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށެވެ. ވަޒަން ކޭތިފައިވަނީ ވަނީ އެމީހާގެ ކަރުގައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީގެކުރިން ގިރިފުށީ ތަމްރީނެއްގައި ޖެހި ވަޒަނެއް އެ ރަށް ކައިރީގައި އޮންނަ ހިންމަފުށީ ގެއެއްގެ ދޮރަށް އެރި މައްސަލައެއް ވެސް ފެންމަތިވި އެވެ. ގިރިފުއްޓަކީ އާންމުކޮށް ސިފައިން ވަޒަނާއެކު ތަމްރީނުތައް ހަދާ ރަށެވެ.