ހަބަރު

ގިރިފުށީގައި ލައިވް ވަޒަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

މިއަދު ހިނގާދިޔަ ހާދިސާއާ ގުޅިގެން ކ. ގިރިފުށީގައި ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނު ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފްއިން މިރޭ ބުނެފި އެވެ.

ގިރިފުށީގެ ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް މިއަދު ވަނީ އެ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހުރި ޖަރުމަނުގެ ފަތުރުވެރިއެއްގެ ގަޔަށް އަރައި އަނިޔާވެފަ އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުވީ ނަމަވެސް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެހެން ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ އެ ވަޒަން ކޭތުނީ އޭނާގެ ކަރުގަ އެވެ.

އެ ހާދިސާއާ ގުޅިގެން މާފަށް އެދުމަށް އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ބުނީ މިއަދުގެ ހާދިސާ ހިނގީ، އެ ސަފާރީއާ ދިމާލަށް ސީދާ ވަޒަން ޖަހައިގެން ނޫން ކަމަށާއި މިއަދުގެ ހާދިސާއަކީ ވަރަށް މަދުން ނޫނީ ނުހިނގާނެ ފަދަ ހާދިސާއެއް ކަމަށެވެ.

ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނުތަކަކީ ކޮންމެހެން ވެސް ބާއްވަން ޖެހޭ ތަމްރީނުތަކެއް ކަމަށާއި ނަމަވެސް އެކަން ކުރުމުގައި އެ ސަރަހައްދުން ދަތުރުކުރާ މީހުންގެ ސަލާމަތް ވަރަށް މުހިންމު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މިއަދުގެ ހާދިސާއާ ގުޅިގެން މިހާރު ދަނީ ތަހުގީގެއް ހިންގަމުން ކަމަށާއި ލައިވް ވަޒަން ބޭނުން ކުރުން ހުއްޓާލަން އަންގާފައިިވަނީ އެ ތަހުގީގު ނިމެންދެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ހިންގިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެވެ.

މީގެކުރިން ގިރިފުށީ ތަމްރީނެއްގައި ޖެހި ވަޒަނެއް އެ ރަށް ކައިރީގައި އޮންނަ ހިންމަފުށީ ގެއެއްގެ ދޮރަށް އެރި މައްސަލައެއް ވެސް ފެންމަތިވި އެވެ. ގިރިފުއްޓަކީ އާންމުކޮށް ސިފައިން ވަޒަނާއެކު ތަމްރީނުތައް ހަދާ ރަށެވެ.