ވިޔަފާރި

ރާއްޖޭގެ ޓޫރިޒަމް ތަޖުރިބާކުރަން މިފަހަރު ފްރާންސްގެ ނޫސްވެރިން

Nov 7, 2019
1

ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް އިޝްތިހާރު ކުރުމަށް ފްރާންސްގެ މީޑިއާ ޓީމެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އެ ޓީމު ރާއްޖޭގައި ހަފްތާއެއްގެ މުއްދަތަށް ހަރަކާތްތެރިވާއިރު، މިދަތުރުގައި މިޓީމް ތިބުމަށް ހަމަޖެހިފައިވަނީ ވެލައްސަރު މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، ޔޮޓް މޯލްޑިވްސް، އަދި ކަޑިންމާ މޯލްޑިވްސްގަ އެވެ. މިދަތުރުގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރު ތަކާއި، ރާއްޖޭގެ ސަގާފަތާއި، ޔޯގާ އަދި ސްޕާ ފަދަ ހިދުމަތްތައް ތަޖުރިބާ ކުރާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ފްރާންސްގެ އެ މިޑިއާ ޓީމްގައި ހިމެނެނީ ނީސް މާޓިން، ޕެރިސްމެޗް، ޓައިމް އައުޓް، އެލް އޮފިޝަލް އަދި މޭރީ ފްރާންސްއަށް
ލިޔާ ތަޖްރިބާކާރު ނޫސްވެރިންނެވެ. މި ދަތުރުގެ ތަޖްރިބާތައް މި ޓީމުން މީޑިއާގެ އެކި ޕް ލެޓްފޯމްތަކުގައި ޝާއިރު ކުރާނެކަމަށް އެމްއެމްޕީއާރުސީން އިތުރަށް ބުނެފައިވެ އެވެ.

ފްރާންސް އަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް މާކެޓެވެ. މިއަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހަށް ވަނީ އެ ގައުމުގެ 44،792 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21 ޕަސަންޓްގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން، ރާއްޖެއަށް މުހިންމު މާކެޓުތަކުގެ ނޫސްވެރިން ގެނެސް ޓޫރިޒަމްގައި ލިބެންހުރި ހިދުމަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު އެމްއެމްޕީއާރުސީން ދަނީ ދެމުންނެވެ. އެގޮތުން، ފްރާންސްގެ މީޑިއާ ޓީމުގެ މިދަތުރަކީ ފުޅާދާއިރާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން 17 ވަނަ ދަތުރެވެ.