ހަބަރު

މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ދޭ މޯލްޑިވްސް ބޯޓިންގް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެވޯޑަށް ކުރިމަތިލާން ޖެހެނީ ބޯޓިން އެވޯޑުގެ ވެބްސައިޓު މެދުވެރިކޮށެވެ.

އެވޯޑުތައް ދިނުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެ އެސޯސިއޭޝަނުން ބުނި ގޮތުގައި، އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ އެކުލަވާލާފައިވާ ޖަޖުންގެ ޕެނަލް އިން ދޭ 70 ޕަސެންޓާއި ވޯޓާއި އެސްއެމްއެސް މެދުވެރިކޮށް ދޭ 30 ޕަސެންޓުގެ މާކުހަށް ބެލުމަށްފަހު އެންމެ ގިނައިން ލިބޭ ފަރާތްތަކަށް ކަމަށެވެ.

މިއަހަރުގެ ބޯޓިންގް އެވޯޑަށް 29 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އޭގެ ތެރޭގައި، މަގުބޫލު އިންޝުއަރެންސް ޕާޓްނަރު އާއި އެންމެ ރަނގަޅު ބޯޓް ޑިޒައިން އާއި އެންމެ ރަނގަޅު މެރިން އިންޖީނާއި ރަނގަޅު އާފްޓާ ސޭލްސް ސާވިސް އަދި ޔޮޓް ބްރޭންޑްވެސް ހިމެނެ އެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު އެވެ. އެއަށްފަހު އަހަރަކު އެއްފަހަރު މި އެވޯޑު ދެ އެވެ.