ވިޔަފާރި

ފްލައިމީގެ އާ ބޯޓު މިއަދު ރާއްޖެ އަންނާނެ

Nov 7, 2019
1

ވިލާ އެއާގެ ފްލައިމީން ގަނެފައިވާ އާ މަތިންދާބޯޓު މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފްލައިމީ ހިންގާ ވިލާ އެއާއިން ބުނީ އެ ކުންފުނިން ފަލައިމީގެ ފްލީޓަށް އިތުރުކުރި އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓު މިއަދުގެ ވަގުތެއްގައި ރާއްޖެ ގެނެވޭނެ ކަމަށެވެ.

ފްލައިމީއަށް އަލަށް ގަތް 72 ފަސަންޖަރުންގެ ޖާގައިގެ ބޯޓްގެ އަގު 20 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ވިލާ އެއާގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި މިއަދު ގެންނަ ބޯޓު ވަރަށް އަވަހަށް ފްލައިމީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. އަދި އެ ބޯޓާއެކު ފްލައިމީގެ އޮޕަރޭޝަންސްތައް ފުޅާކުރަން އެ އެއާލައިނުން ހިފާފައިވާ އަމާޒަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް ނާޝިދު ވިދާޅުވި އެވެ.

"ފްލައިމީން ވަރަށް އަވަހަށް އިފުރު އެއާޕޯޓަށް ދަތުރުތައް ފަށާނެ. އަދި މާފަރު އެއާޕޯޓުވެސް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލުމާއެކު، އެތަނަށްވެސް ފްލައިމީން ދަތުރުތައް ފަށާނެ،" ނާޝިދު ހާމަކުރެއްވި އެވެ.

އެތެރޭގެ އުދުހުންތައް ފުޅާ ކުރުމުގެ ގޮތުން ވިލާ އެއާއިން ދަނީ ސީޕްލޭންގެ ހިދުމަތް ފަށަން ސީޕްލޭން ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ދާދިފަހުން ވަނީ މި ބޯޓުގެ ކުރެހުންވެސް ދައްކާލާފަ އެވެ.