ދުނިޔެ

ހޫތީންނާއެކު ސައުދީން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުގެ ސިފައިންނާއެކު ސައުދީއަރަބިއްޔާއިން ސުލްހައިގެ މަޝްވަރާތަކެއް ފަށާފައިވާ ކަމަށް ސައުދީން ބުނެފި އެވެ.

ހޫތީ ޖަމާއަތުގެ ސިފައިންނާއެކު ސައުދީން މަޝްވަރާ ކުރަމުން ދާއިރު، މީގެ ކުރިން ހޫތީ ޖަމާއަތުން ބުނެފައި ވަނީ އެ ޖަމާއަތުން ސައުދީ އަރަބިއްޔާ އަށް ދޭ ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ. އަދި ސައުދީން ވެސް ހޫތީންނަށް އަމާޒު ކޮށްގެން ދޭ ހަމަލާތަށް ހުއްޓާލުމަށް އެދޭ ކަމަށެވެ.

ސައުދީގެ ސީނިއާ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސައުދީން 2016 ވަނަ އަހަރުން ފެށިގެން ހޫތީ ސިފައިންނާ ސުލްހައިގެ މަޝްވަރާކޮށް ޔަމަން އަމާން ގައުމަކަށް ހެނދުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އެއްބަސްވުމަކަށް ދެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ސައުދީގެ މައި ތެޔޮ ކުންފުނި، އަރަމްކޯއަށް ދިން ޑްރޯން ހަމަލާތަކާފަހު ހޫތީ ޖަމާއަތުން ސައުދީއަށް ހަމަލާ ނުދޭނެ ކަމަށް އޭރު ބުނި ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ވެސް ހޫތީން ވަނީ ސައުދީއަށް ޑްރޯން ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް މި ހަމަލާގެ ސަބަބުން ސުލްހައިގެ މަޝްވަރާއަށް ހުރަސް ނޭޅެނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ޔަމަން އަމާން ގައުމަކަށް ހެދުމުގެ ބޭނުމުގައި އެމެރިކާއިން ވެސް ވަނީ ހޫތީންނާ މަޝްވަރާ ކުރަން ޝައުގުވެރިކަން ފައުޅުކޮށްފަ އެވެ. ހޫތީންނާ ސައުދީގެ ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ ގިނަ ރައްޔިތުން ވަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަން ޖެހިފަ އެވެ. އަދި ގިނަ މީހުންގެ ގެދޮރު ބިމާ ހަމަވެފައިވާއިރު، އާންމު ބަލިތަކަށް ފަރުވާ ނުކުރެވޭ ވަރަށް ޔަމަނުގެ ހޮސްޕިޓަލްތަކުގެ ހާލަތު ވަނީ ދަށައް ގެގޮސްފަ އެވެ.