ޖުމްހޫރީ ދުވަސް

ޚާއްސަ އިނާމް މިއަހަރު 39 ބޭފުޅަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 39 ބޭފުޅަކަށް ދޭން ޚާއްސަ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ.

އެ ކޮމެޓީން ބުނީ މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހޯއްދާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދި 32 ބޭފުޅުން ކަމަށެވެ.

އަދި ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެއްގެ އިތުރުން، ގައުމީ ކުޅިވަރު ދެ ޓީމެއްވެސް ހިމެނޭ ކަމަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މި މަހުގެ 10 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ސަރުކާރުން ދެއްވާ ބައެއް ޚާއްސަ މެޑެލްވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ. އެގޮތުން މެޑެލް ދެއްވާނީ، ކީރިތި ގުރްއާން ހިތުދަސްކޮށްގެން ހާފިޒް ކަމުގެ ސަނަދު ހާސިލުކުރާ 16 ބޭފުޅަކަށާއި، 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނާއި، މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި 17 ދަރިވަރުންނަށެވެ. މީގެއިތުރުން، ދެ ސްކައުޓަކަށް ސަރުކާރުންދޭ ހަނދާނީ ފިލާ ދިނުމާ، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި 5 ސްކައުޓުންނަށް ބެޖް ހަވާލުކުރުމާ، ބޭޑަން ޕަވަލް ބެޖް ހާސިލުކުރި 6 ސްކައުޓުންނަށް ބެޖް ދިނުންވެސް މި ޖަލްސާގައި އޮންނާނެއެވެ.