ދުނިޔެ

ސައުދީއަށް ޖާސޫސް ކޮށްދިން ޓްވިޓާގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ސައުދީއަރަބިއްޔާއަށް ޖާސޫސް ކޮށްދިނުމުގެ ކުށުގައި ޓުވިޓާގައި މަސައްކަތް ކުރަމުން ދިޔަ ދެ މީހަކު ހައްޔަރު ކޮށްފި އެވެ. މި ދެމީހުންގެ ތެރެއިން އެކަކީ ސައުދީ ރައްޔިތެކެވެ. ދެވަނަ މީހާއަކީ އެމެރިކާގެ ރައްޔިތެކެވެ.

މި ދެ މުވައްޒަފުން ވަނީ ސައުދީގެ ރަސްކަމުގެ ނިޒާމަށް ފާޑު ކިޔަމުން ދިޔަ ޓުވީޓާ އެކައުންޓެއްގެ މައުލޫމާތު ގަވާއިދާ ހިލާފަށް ހޯދާ ސައުދީއާ ހިއްސާކޮށްފަ އެވެ. އެ ޓުވިޓާ އެކައުންޓު ނިސްބަތްވާ މީހާގެ ޒާތީ މައުލޫމާތު ވެސް ޓުވިޓާ މެދުވެރިކޮށް ހޯދައި ސައުދީގެ އޮފިޝަލުންނާ ހިއްސާކޮށްފައި ވެއެވެ. އެ ދެ މީހުން މިހާރު ވަނީ ޓުވިޓާގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

މިއީ ސައުދީއަށް ނިސްބަތްވާ މީހަކު އެމެރިކާގައި ހުރެ ސައުދީއަށް ޖާސޫސް ކޮށްދިން ފުރަތަމަ ފަހަރެވެ. އެ ދެމީހުންގެ މައްޗަށް ޖާސޫސް ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި ގަވާއިދާ ހިލާފަށް މީހެއްގެ ޒާތީ މައުލޫމާތު ހޯދައި، އެއިން ނަފާ ހޯދި ކަމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. މި ދެ މީހުނަކީ 2015 ވަނަ އަހަރުން ފެށިގެން ޓުވިޓާގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ދެ މީހުން ވަނީ ސައުދީގެ ރަސްކަމަށް ފާޑު ކިޔައި ޓުވީޓު ކުރަމުން ދިޔަ 6،000 މީހުންގެ މައުލޫމާތު ސައުދީއާ ހިއްސާކޮށްފަ އެވެ. އެމެރިކާއިން ތުހުހަމަތު ކުރާ ގޮތުގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް ސައުދީން ޖާސޫސީ ތަމްރީނު ހޯދުމަށްފަހު ޓުވިޓާއާ ގުޅުނު ދެ މީހުންނެވެ.