ޗައިނާގެ ހަކަތަ ކުންފުންޏެއް ކަމަށްވާ ޗައިނާ ޕެޓްރޯލިއަމް އެންޑް ކެމިކަލް ކޯޕަރޭޝަން ނުވަތަ ސިނަޕޮކްއިން ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯ ފެސިޓީސްގައި 10 ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރަން ޝައުގުވެރިކަން ފާޅު ކޮށްފި އެވެ.
އަރަމްކޯއަށް މިއަހަރު ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫ އެރުމުގެ ސަބަބުން މާލީ ގެއްލުންތައް ލިބެން ވަނީ ފަށާފަ އެވެ. މި ގެއްލުމުން އަރައިގަތުމުގެ ބޭނުމުގައި އަރަމްކޯއިން ވަނީ އެ ކުންފުނީގެ ހިއްސާ ބޭރު ގައުމުތަކުގެ ކުންފުނިތަކަށް ވިއްކަން ފަށައި ކުންފުނީގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ޗައިނާއިން އަރަމްކޯ ކުންފުނީގައި އިންވެސްޓްމެންޓުތަކެއް ކުރިއަށް ގެންދަން ނިންމީ، އެ ގައުމުން ކުރިއަށް ގެންދާ ސިލްކް ރޯޑު ޕްރޮގްރާމުގެ ފަންޑުންނެވެ. ޗައިނާގެ ސިލްކް ރޯޑް ޕްރޮގްރާމަކީ ކުދި ގައުމުތަކާއި ގުޅުން ބަދަހިކޮށް އެ ގައުމުތަކުގައި ޗައިނާގެ އިންވެސްޓްމެންޓްތައް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ހިންގާ ޕްރޮގްރާމަކެވެ.
މި އިންވެސްޓްމެންޓުންގެ މައުލޫމާތު އެގޭ ފަރާތަކުން ބުނި ގޮތުގައި ޗައިނާގެ އެހެން ބިޔަ ކުންފުންޏަކުން ވެސް އޮތީ އަރަމްކޯގެ ހިއްސާގަނެ ބިޔަ ބޮޑު އިންވެސްޓްމެންޓެއް ކުރާ ގޮތަށެވެ.
ރައީސް ޝީ ޖިންޕިންގެ ވެސް ވަނީ އަރަމްކޯގައި ކުރަން އުޅޭ އިންވެސްޓްމެންޓްއަށް ރުހޭ ކަމަށް ވިދާޅުވެފަ އެވެ. ޝީ ވިދާޅުވީ ޗައިނާގެ ކުންފުނިތަކުން ސައުދީގައި އިންވެސްޓް ކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު އިންވެސްޓްމެންޓުތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލުގައި ދެ ގައުމުގެ ތެލުގެ އަގު މިހާރަށްވުރެ ކުޑަ ކުރެވޭނެ ކަމަށް ވެސް ޝީ ވަނީ ވިދާޅުވެފަ އެވެ.
މިކަމުގެ މައުލޫމާތު ޗައިނާއިން ވަނީ މިހާރު ސައުދީގެ ފޮރިން މިނިސްޓިރީއަށާއި އަރަމްކޯގެ އިސްވެރިންނަށް ދެއްވާފަ އެވެ.