ވޯލްޑް ބޭންކް

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވޯލްޑް ބޭންކުގެ އެހީ

ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މާލީދާއިރާ ހަރުދަނާކުރުމަށް އެހީތެރިވެދިނުމަށް ތައްޔާރަށް އޮތް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިިކަން ހާމަކޮށްފައިވަނީ ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފުދުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ، މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލްވުމުގައި ބައިވެރިވި ބޭފުޅުން ލާމަރުކަޒީ ނިޒާމުގެދަށުން ރާއްޖެ ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާއި މިހާރު ސަރުކާރުން ތައާރަފުކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ރާއްޖޭގެ ތަރައްގީއަށް ބާރުލިބޭނެ މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް ކަމުގައި ފާހަގަކުރެއްވި ކަމަށެވެ.

އަދި ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ މާލީދާއިރާ ހަރުދަނާކުރުމަށް އެހީތެރިވެދިނުމަށް ތައްޔާރަށް އޮތް ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުގެ ވަފުދާ މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ހިމެނޭ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ވޯލްޑް ބޭންކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ.