ހަބަރު

ހައިކޯޓުން އަމުރަށް ކުރިކެޓް ކޯޗު ހައްޔަރުކޮށްފި

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ހާން ހައްޔަރު ކޮށްގެން ތަހުގީގު ހިންގަން ފުލުހުންގެ މައްޗަށް ހައިކޯޓުން އަމުރު ކުރުމާ ގުޅިގެން އޭނާ ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ ފަސްވަނަ ފުލުހުން އާސިފް ހާން ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ފުރަސް ގޮސް ހުއްޓަ އެވެ.

ނަމަވެސް އޭގެ އަނެއް ދުވަހު އޭނާ ދޫވި އެވެ. އޭނާ ދޫކޮށްލީ ކުރިމިނަލް ކޯޓުން އެގޮތަށް އަމުރު ކުރުމުންނެވެ. ކުރިމިނަލް ކޯޓުން އާސިފް ހާން ދޫކޮށްލަން ފުލުހުންގެ މައްޗަށް އަމުރު ނެރުނީ އޭނާއަށް ބަންދު ޖެހުމަށް ކޯޓަށް ހާޒިރު ކުރިއިރު ހައްޔަރުކުރިތާ 24 ގަޑިިއިރުވެފައިވާތީ އެވެ.

ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުން މީހަކު ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަން ޖެހޭނެ އެވެ. މި މައްސަލާގައި ފުލުހުން އެހާ ބޮޑު ގޯހެއް ހެދީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. އެކަމުގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ޕާކިސްތާނަށް އުފަން އާސިފް ހާން އަލުން ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ފުލުހުން ކުރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް އެފަދަ އަމުރެއް ނުލިބުނެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އެވެ. ހައިކޯޓުން މައްސަލާގައި މިއަދު އިއްވި ހުކުމްގައި އެންގީ އާސިފް ހާން ހައްޔަރުކުރުމަށެވެ.

އޭނާ ހައްޔަރުނުކުރެވި އޭނާގެ މައްޗަށް ތަހުގީގު ނުހިންގިގެން އުޅެނީ ޕާކިސްތާނު އެމްބަސީގެ ނުފޫޒާ ހެދި ކަމަށް ސަރުކާރުގެ އޮފިޝަލަކު ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެ ތުހުމަތުތައް އެމްބަސީއިން ދޮގުކުރި އެވެ. ކޯޗު އާސިފް ހާންގެ މައްސަލާގައި ކުރިކެޓް ޓީމްގެ ތެރޭގައި ވެސް ނުތަނަވަސްކަން ވަރަށް ބޮޑުވި އެވެ.