އަހުމަދު ހައިލަމް

ހައިލަމްއަށް ނުފޫޒުފޯރިވި ކަމަށް ބުނާ މައްސަލަ ބަލަންޖެހޭ: އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވުމުން އެ މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ ސަސްޕެންޑްކޮށް ފިޔަވަޅު އެޅީ ސަރުކާރުގެ އިސް ބޭފުޅުން ގުޅުއްވައި ކުރި ޑިމާންޑްތަކަށް އެއްބަސްނުވުމުން ކަމަށް ވިދާޅުވެ ހައިލަމް ރޭ ނެރެއްވި ބަޔާނާއި ގުޅިގެންނެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ އުޝާމް ވިދާޅުވީ އެހާ ޔަގީން ކަމާއެކު ފަނޑިޔާރަކު އެ ފަދަ ވާހަކައެއް ވިދާޅުވާނީ ކޮންމެވެސް ކަންތައްތަކެއް ހިނގާފައިވާތީ ކަމަށެވެ.

އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.

ގާޒީ ހައިލަމް ވިދާޅުވީ އަލްހާން ފަހުމީއަކީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ކުރިން ވެސް ގާތް އެކުވެރިއެއް ކަމަށެވެ. އޭނާ އާއި އަލްހާންއާ ދެމެދު އޮންނަ ގުޅުމަށް ބަލާއިރު އޭނާގެ މަސްލަހަތެއް އޮތް އެއްވެސް މައްސަލައެއް ނުވެސް ބަލާ ކަމަށެވެ. އަދި އަލްހާންއަކީ އެއްވެސް ހައިސިއްޔަތުން ކުރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ.

އެ ޓްރާންސެކްޝަންއާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު ބައްދަލުކޮށް މައުލޫމާތު ސާފު ކުރެއްވި ކަމަށާއި އެހެންވެ އެކަން ހިނގައިދިޔަ ގޮތް ފުލުހަށް ސާފުކޮށް ދެއްވާފައިވާނެ ކަމަށް ހައިލަމް ވިދާޅުވި އެވެ. އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ ފުލުހުން ނުބަލަން ނިންމި ކަމަށް ވެސް ހައިލަމް ވިދާޅުވެފައިވެ އެވެ. އެ ޓްރާންސެކްޝަން ހިނގާފައިވަނީ މެއި މަހުގެ ތެރޭގަ އެވެ. އެ މައުލޫމާތު އެމްއެމްއޭއިން ފުލުހާ ހިއްސާކުރީ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް ކުއްލިއަކަށް ފުލުހުން އެ މައްސަލަ ޖޭއެސްސީއަށް އެންގީ ރައީސް ޔާމީންގެ ހުކުމް އިއްވަން އޮތް ދުވަހު އެވެ.

ގާޒީ ހައިލަމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައާ ގުޅިގެން ސަރުކާރުގެ ނުފޫޒު ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިންނަށް ވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެ، އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތަކަށް ވިޔަސް،" ގާޒީ ހައިލަމް ވިދާޅުވި އެވެ.