ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެއާޕޯޓްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފި އެވެ.

ރައީސް ވަނީ އެއާޕޯޓުގައި ތަރައްގީ ކުރަމުންދާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތާއި، ސީޕްލޭން މެއިންޓަނަންސް ރޭމްޕް، އެއާޕޯޓުގެ އައު ޕަސެންޖާ ޓާރމިނަލްގެ އިތުރުން އައު އޭޕްރަންއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އައު ކާގޯ އޭރިޔާއަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްގެ ވަރަށް ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ.

ޓާމިނަލްގެ މަސައްކަތް ނިމުމާ ކައިރިވެފައިވާއިރު، އޮގަސްޓް މަހުގެ ތެރޭގައި ވަނީ މިތަނުގައި ހަދާ މަތިންދާ ބޯޓުތައް މަރާމާތުކުރާ ހެނގަރުގެ މަސައްކަތް އެއްކޮށް ނިންމާލާފަ އެވެ. ސީޕްލޭން ޓާމިނަލްގެ ހެނގަރު ހަދާފައިވަނީ މަރާމާތު ކުރުމަށް ގެންނަ ސީޕްލޭން ފަސޭހައިން ވެއްދޭ ގޮތަށް މޫދުގެ ބައެއް ވެސް ހިމެނޭ ގޮތަށެވެ. ސީޕްލޭން މަރާމާތު ކުރާ ބައިގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި ތަން ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ.

އާ ސީ ޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މި ޕްރޮޖެކްޓަކީ ޖުމްލަ 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ

ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދައުލަތުގެ ކުންފުނި މޯލްޑިވިއަން އާއި ޓީއެމްއޭ އިން ދެ އެވެ. މޯލްޑިވިއަން އިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ދަނީ ހަލުވިކަމާއެކު މި ހިދުމަތް ފުޅާކުރަމުންނެވެ. މި އެއާލައިންގައި މޫދަށް ޖައްސާ 11 ބޯޓުން ދަނީ ހިދުމަތް ދެމުންނެވެ. އަދި އެ ކުންފުނިން 12 ރިސޯޓަކަށް ފްލައިޓް އަޅަ އެވެ. މީގެ އިތުރުން ޓީއެމްއޭގައި އެކަނި ވެސް 48 ބޯޓު އޮވެ އެވެ. އަދި ޓީއެމްއޭ އިން އަހަރެއްގެ މައްޗަށް 9.6 މިލިއަން ފަސިންޖަރުން 60 ރިސޯޓަށް އުފުލައި ދިންއިރު އަހަރު އެއާލައިނުން އެކަނި 1.2 މިލިއަން ދަތުރު އަޅާފައިވެ އެވެ. މީގެ އިތުރުން މިހާރު ދަނީ ފްލައިމީ އާއި މަންޓާ އެއާއިން އަލަށް ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރު ވަމުންނެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އާ ޕެސެންޖަރު ޓާމިނަލް ނިމި 2022 ގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.