މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްއަށް ދައްކަން ޖެހޭ ކަމަށް ބުނެ ފީތަކެއް ނަގާ މައްސަލައެއް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދައްކަން ޖެހޭ ފީތަށް ކަމަށް ބުނެ ރާއްޖެއަށް ކަނޑުމަގުން މުދާ ގެންނަ ފަރާތްތަކުގެ އަތުން، އެޖެންޓުންނާއި، ޕްރައިވެޓް ފޯވާޑާސް އަދި ބްރޯކަރުން ތަފާތު ނަންނަމުގައި ފީތަކެއް ނަގަމުންދާ މައްސަލަ ފެންމަތިވެއްޖެ އެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޕީސީއާރް، ޕޯޓް ކޮންޖެސްޝަން ޗާޖް އަދި ޑީސީއެޗްޓީ އާއި އިކުއިޕްމެންޓް އިމްބެލެންސްގެ ނަމުގައި ތަފާތު ފީތައް މުދާ އެތެރެ ކުރާ ފަރާތްތަކުގެ އަތުން ނަގަމުންދާ ކަމުގެ ޝަކުވާ އެކުންފުންޏަށް ވަރަށް ގިނައިން ލިބެމުން އަންނަ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މިފަދަ ފީތައް ތަފާތު ނަންނަމުގައި އެޖެންޓުންނާއި، ޕްރައިވެޓް ފޯވާޑާސް އަދި ބްރޯކަރުން ނެގި ކަމުގައި ވީނަމަވެސް މިއީ އެކުންފުންޏަށް ދައްކަން ޖެހޭ ފީ އެއް ނޫން ކަމަށާއި މުދާ އެތެރެ ކުރާ ފަރާތްތަކުގެ އަތުން އެކުންފުނިން ނެގުމަށް ހަމަޖެހިފައިވާ ފީތަކާއި އެހެނިހެން ހިދުމަތްތަކުގެ އަގު އެކުންފުނީގެ ޓެރިފްގައި ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެމްޕީއެލް އިން ކޮންޓެއިނަރައިޒްޑް މުދާ އަދި އެހެނިހެން މުދާ ކްލިއާ ކުރުމަށް ހޭންޑްލިން އަދި ވޯފޭޖްގެ ގޮތުގައި އެ ކުންފުނީގެ ޓެރިފްގައި ބަޔާންކޮށްފައި ވާ އަގުތަކަށް ބަލާއިރު:

ހޭންޑްލިން ޗާޖްގެ ގޮތުގައި ނަގާ އަގުތައް:

  • 20 ފޫޓުގެ ކޮންޓެއިނާ ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކީ 1،706.60ރ.
  • 40 ފޫޓުގެ ކޮންޓެއިނާ ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު ނަގާ ފީ އަކީ 3،413.20ރ.
  • ނޮން ސްޓޭންޑާޑް ކޮންޓެއިނާ އަކަށް ކޮންމެ ފޫޓަކަށް ޖީއެސްޓީއާއެކު ނަގަނީ 60.95ރ.
  • 20 ފޫޓުގެ ހުސްކޮންޓެއިނާތައް ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު 121.90ރ.
  • 40 ފޫޓުގެ ހުސް ކޮންޓެއިނާތައް ބަރުކުރުމަށާއި ބޭލުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު 243.80ރ.
  • ނަން ސްޓޭންޑާޑް ކޮންޓެއިނާ އަކަށް ކޮންމެ ފޫޓަކަށް ޖީއެސްޓީއާޢެކު 60.95ރ.
  • 20 ފޫޓުގެ ހުސް ކޮންޓެއިނާގެ ރިސިޕްޓް އަދި ޑެލިވަރީ ޗާޖްގެ ގޮތުގައި ކޮންމެ ޔުނިޓަކަށް 121.90ރ.
  • 40 ފޫޓުގެ ހުސް ކޮންޓެއިނާގެ ރިސިޕްޓް އަދި ޑެލިވަރީ ޗާޖްގެ ގޮތުގައި ކޮންމެ ޔުނިޓަކަށް 243.80ރ.
  • ނަން ސްޓޭންޑާޑް ހުސް ކޮންޓެއިނާގެ ރިސިޕްޓް އަދި ޑެލިވަރީ ޗާޖްގެ ގޮތުގައި ކޮންމެ ފޫޓަކަށް 60.95ރ.

ވޯފޭޖްގެ ގޮތުގައި ނަގާ އަގުތައް:

  • 20 ފޫޓުގެ ކޮންޓެއިނާ އެއް ބޭލުމަށާއި ބަރު ކުރުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު 1،158.05ރ.
  • 40 ފޫޓުގެ ކޮންޓެއިނާ އެއް ބޭލުމަށާއި ބަރު ކުރުމަށް ކޮންމެ ޔުނިޓަކަށް ޖީއެސްޓީއާއެކު2،316.10ރ.
  • ނަން ސްޓޭންޑާޑް ކޮންޓެއިނާ އެއް ބޭލުމަށާއި ބަރު ކުރުމަށް ކޮންމެ ފޫޓަކަށް ޖީއެސްޓީއާއެކު 42.67ރ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމްޕީއެލްގެ ހިންގުމަށް ގެނެވުނު ބަދަލާ ގުޅިގެން މިހާރު މާލޭގެ ކޮމާޝަލް ހާބަރުން ބޯޓު ފަހަރަށް ދެމުންދާ ހިދުމަތާއި މުދާ ދޫކުރުމުގެ ހިދުމަތް ވަނީ އަވަސް ކުރެވިފަ އެވެ. އެކުންފުނިން ބުނީ ބޯޓު ފަހަރު ލަސްވުމާއި ގުޅިގެން އިތުރު ހަރަދުތަކެއް ހިނގާނެ ކަމަށް ބުނެ އެކުންފުނި މަތިވާގޮތަށް، މުދާ އެތެރެ ކުރާ ފަރާތްތަކުން އަތުން ފީތަކެއް ނެގުމަކީ އެއްގޮތަކަށްވެސް އެކުންފުނިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި ސަމާލުވެ ތިބުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.