ކުޅިވަރު

ވަލްވެރުޑޭގެ ދިފާއުގައި ކުޅުންތެރިން ނުކުމެއްޖެ

ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭގެ ދިފާއުގައި އެ ޓީމުގެ ސީނިިއާ ކުޅުންތެރިން ނުކުމެއްޖެ އެވެ.

މީޑިއާ އާއި ބާސާގެ ސަޕޯޓަރުންގެ ފާޑު ކިޔުން އަމާޒު ވެފައި ވުމުން ވަލްވެރުޑޭ ވަނީ ހޫނު ފެނަށް ވެއްޓިފަ އެެވެ. އެހެންނަމަވެސް ކުޅުންތެރިން ތިބީ ވަލްވެރުޑޭގެ ދިފާއުގަ އެވެ. ބާސާގެ ކޯޗް ކަމުގައި އޭނާ ދެމިހުންނަށް ކުޅުންތެރިން ބޭނުންވެ އެވެ.

ކެޕްޓަން ލިއޮނަލް މެސީ އާއި ވައިސް ކެޕްޓަން ސާޖިއޯ ބުސްކެޓްގެ ތާއީދު ވަލްވެރުޑޭއަށް އެބައޮތެވެ. ލުއިސް ސުއަރޭޒް އާއި ޑިފެންޑަރު ޖެރާޑް ޕީކޭވެސް ވަނީ ކޯޗްގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.

ސްޕެނިޝް ލީގްގައި މިރޭ ބާސާ ނުކުންނާނީ ސެލްޓަ ވީގޯ އާ ދެކޮޅަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ވަލްވެރުޑޭ ބުނީ މުޅި ބާސާގެ ސަޕޯޓް އޭނާ އަށް އެބައޮތް ކަމަށާއި އެންމެންގެ އިހްތިރާމްވެސް އޭނާ އަށް އެބައޮތް ކަމަށެވެ.

"އަހަރެންގެ ކުރިމަގާ މެދު އަހަރެން އެއްވެސް ކަންބޮޑުވުމެއް ނެތް،" ވަލްވެރުޑޭ ބުންޏެވެ. "އަހަންނަށް ޔަގީން ކަން އެބައޮތް ބާސާގެ ރައީސް ބާޓެމެއު އާއެކު އެއް ސުފުރާމަތިން ކެވޭނެކަން، ކުލަބުގެ ސަޕޯޓް އަހަންނަށް އެބައޮތް، އިހްތިރާމް އެބައޮތް."

ވަލްވެރުޑޭއަށް ފާޑު ކިޔުން އަމާޒުވީ މި ސީޒަންގެ މުހިންމު މެޗުތަކުން މޮޅު ނުވެވުމުންނެވެ. އޭނާ ބުނީ މޮޅު ނުވެވޭނެ މެޗެއްވެސް އަތުވެދާނެ ކަމަށާއި އޭގެ ސަބަބުން ކުޅުމުގެ އިންޓެންސިޓީއަށް ބަދަލު އައިސްގެން ނުވާނެ ކަމަށެވެ.