މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިއްޒުއްދީން ސުކޫލަށް ޕްރިންސިޕަލެއް ހޯދަނީ

މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން އަންނަ އަހަރު "އިއްޒުއްދީން ސްކޫލް" ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ ސުކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޒުއްދީން ސްކޫލް ހުޅުވާނީ ކުރިން މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި ކަމަށާއި އެއީ ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭނެ ސްކޫލެއް ކަމަށެވެ. އަދި ސިންގަލް ސެޝަން ސްކޫލެއްގެ ގޮތުގައި ހިންގާ އެ ސްކޫލް ފަށާއިރު ކިޔަވައިދޭނީ ގްރޭޑް 1 ން 6 އަށް ކަމަށެވެ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޒުއްދީން ސުކޫލަށް ޕްރިންސިޕަލެއް ހޯދަމުންދާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 20 ނޮވެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ހުށައަޅަންޖެހޭ ކަމަށެވެ.

ޕްރިންސިޕަލްގެ ޝަރުތުތަކާއި، މަސްއޫލިއްޔަތު އަދި މުސާރައާއި ގުޅޭ މައުލޫމާތުތައް މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

އިއްޒުއްދީނު ސްކޫލްގައި ގްރޭޑް 7 އިން ފެށިގެން 10 ހަމައަށް ގްރޭޑްތައް ތަރައްގީ ކުރަން ނިންމާފައި ވަނީ 2021 އިން ފެށިގެން އަހަރަކުން އަހަރަކުން ގްރޭޑެއް އިތުރުކުރާ ގޮތަށެވެ.

އެޑިއުކޭޝަނުން ބުނީ އާ ސްކޫލަށް ކުދިން ސްކޫލަށް ވެއްދުމުގައި އަމަލު ކުރާނީ މާލެ ސިޓީގެ އެހެން ސްކޫލްތަކަށް ވެސް ކުދިން ވެއްދުމުގައި އަމަލުކުރާ އުސޫލުން ކަމަށެވެ އަދި އެ ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެޑިޔުކޭޝަނަށް ސިޓީ ހުށައަޅަން އެދޭ ކަމަށާއި ޖާގަ ދިނުމުގައި އިސްކަ ދެނީ ސިޓީ ހުށައަޅާ ތަރުތީބުން ކަމަށެވެ.