ދުނިޔެ

އިންތިޚާބުގައި ރާޖަޕަކްސަ ބަލިވަނީތަ؟

އަންނަ ބުރާސްފަތި ދުވަހު ސްރީ ލަންކާގައި ބާއްވާ ރިއާސީ އިންތިހާބަށް އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަ ނުކުމެ ވަޑައިގަންނަވަނީ ތިން ވަނަ ދައުރެއްގެ އުއްމީދުގަ އެވެ. ކޮންމެއަކަސް ވޯޓް ނަގާ ދުވަސް ބޯމަތިވަމުން އަންނައިރު އެ ގައުމުގެ ސިޔާސީ މަސްރަހުގެ ހަލަބޮލިކަން ދަނީ އިތުރުވަމުންނެވެ.

އަދި ރާޖަޕަކްސަ ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅެމުންދާ އޭނާގެ "ވަފާތެރިން" ގެ ލިސްޓް ވެސް ދަނީ ބޮޑުވަމުންނެވެ. އެހެން ނަމަވެސް ލަންކާގެ ނުޖޫމީ އިލްމުވެރިން ލަފާކުރާ ގޮތުން ރިއާސީ އިންތިޚާބު ރާޖަޕަކްސަ ނޫން އެހެން ފަރާތަކަށް ކާމިޔާބެއް ނުކުރެވޭނެ އެވެ.

މިދިޔަ މަހު ލަންކާގެ ގައުމީ ޓީވީ އަށް އަރައި ތިބެ ނުޖޫމީ އިލްމުވެރިންގެ ޓީމަކުން ކަނޑައަޅާފައި ވަނީ ރާޖަޕަކްސައާ ދެކޮޅަށް ނުކުންނަ ކޮންމެ ވާދަވެރިޔަކު ވެސް ބޮޑު ބައްޔަކުން ބަލިވެގެންދާނެ ކަމަށާއި މިއީ ގުދުރަތުގައި ކަނޑައެޅި ނިމިފައިވާ ގޮތް ކަމަށެވެ.

ރަނގަޅު ވާހަކަ އެކެވެ. ރާޖަޕަކްސަގެ ފޭނުން މި ގޮތަށް ވާހަކަ ނުދައްކަންވީ އެއްވެސް ސަބަބެއް ނެތެވެ. ސްރީ ލަންކާގެ ސިޔާސީ މައިދާނުގައި އޭނާ އަތްގަދަކޮށްގެން އެހެން ލީޑަރަކަށް ފުރުސަތު ނުދެއްވައި ކުރިއަށް ވަޑައިގަންނަވާތާ މިހާރު ގާތްގަނޑަކަށް 10 އަހަރު ވަނީ އެވެ. މި ކާމިޔާބީ ސިފަކުރުމަށް ރާޖަޕަކްސަގެ ސަޕޯޓަރުން އޭނާ އަށް ދީފައިވާ ނަމަކީ "ރަސްގެފާނު" ގެ ލަގަބެވެ.

ލަންކާގައި އޭނާ މަޝްހޫރުވެފައި ވަނީ ސިންހަޅައިގެން ރަސްކަލެއްގެ ގޮތުގަ އެވެ. އެހެންވީމަ މިހާ ބާރުގަދަ ސިޔާސީ ވެރިޔަކު ކުއްލިއަކަށް ބަލިވެދާނެ ހެއްޔެވެ؟

އަނެއްކޮޅުން މުޅި ލަންކާ އޮތީ ސީދާ ރާޖަޕަކްސަގެ ކޮންޓްރޯލްގެ ދަށުގަ އެވެ. ރައީސަކީ އޭނާ އެވެ. ދިފާއީ ވަޒީރު ކަމުގައި އޭނާގެ ކޮއްކޮ އެވެ. އިކޮނޮމިކް ޑިވެލޮޕްމެންޓް ވެރިޔަކީ ވެސް ރާޖަޕަކްސައެކެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސަކީ ވެސް ރާޖަޕަކްސައެކެވެ.

އެހެންވީމަ، މިހާ ބާރުގަދަކޮށްފައިވާ "ރަސްކަލެއްގެ" ވެރިކަން ވައްޓާލާނީ ކިހިނެތް ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ ރާޖަޕަކްސަގެ މައި ވާދަވެރިޔާގެ ގޮތުގައި ނުކުމެ ވަޑައިގެންފައިވާ މައިތިރިޕާލާ ސިރީސޭނާ އެވެ. އެކަމަކު ރާޖަޕަކްސައާ އަޅާ ބަލާއިރު މިއީ ވަރަށް ވެސް ފެންވަރު ދަށް ސިޔާސީ ލީޑަރެކެވެ.

ނަމަވެސް ރާޖަޕަކްސަގެ ޓީމު ކަންބޮޑުވާން ޖެހެނީ އޭނާގެ ވަށް ބުރުން ނުކުމެ ވަޑައިގެންނެވި ލީޑަރަކަށް ސިރީސޭނާ ވެވަޑައިގަތުމެވެ. އަދި އޭނާގެ ފަހަތުން އިތުރު އެތައް ބަޔަކު ރާޖަޕަކްސަ ދޫކޮށް ސިރީސޭނާގެ ފަހަތްޕުޅަށް ވަންނަމުންދާތީ އެވެ.

މިފަހަރުގެ އިންތިޚާބުގައި ރާޖަޕަކްސަ އަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ސީދާ އިންޒާރަކީ މިއީ އެވެ.

ސިރީސޭނާ އާދައިގެ ލީޑަރަކަށް ވިޔަސް ރާޖަޕަކްސަ ކަންބޮޑުވާން ޖެހޭ ފެންވަރުގެ ލީޑަރަކަށް އޭނާ ބަދަލުކޮށްލާފައި ވަނީ އޭނާއާ އެއްކޮޅަށް އަރާފައިވާ އިދިކޮޅު ކޯލިޝަނެވެ. އިދިކޮޅު ކޯލިޝަނަށް ސިންހަޅައިންގެ ބޮޑު ތާއީދެއް އެބައޮތެވެ.

ދެން ތިބީ މުސްލިމުންނާއި ތަމަޅައިންނެވެ. މިހާރު ވެސް ރާޖަޕަކްސަގެ ވަށްބުރުގައި ތިއްބެވި މުސްލިމު އިސް ލީޑަރުން ވަނީ އޭނާ ދޫކޮށް ވަޑައިގެންފަ އެވެ. މާނަ އަކީ މުސްލިމުންގެ ވޯޓްގައި ވެސް ރާޖަޕަކްސަ އަށް ކުރި ހޯއްދަވަން މިހާރު ފަސޭހައެއް ނުވާނެ ކަމެވެ.

ކޮންމެއަކަސް އިދިކޮޅު ކޯލިޝަން ފެންނަނީ ހުރިހާ ދިމާލަކުން ވެސް ވަރުގަދަކޮށެވެ. ސިންހަޅައިންނާއި ތަމަޅައިންނާއި މުސްލިމުންގެ ތާއީދު ވެސް އޮތް ބައެއްގެ ގޮތުގަ އެވެ. އެންމެނާ ވެސް ގުޅުން ބޮޑު ކޯލިޝަނެއްގެ ގޮތުގަ އެވެ. ވަކިން ހާއްސަކޮށް ރާޖަޕަކްސަ ދޫކޮށް ދިޔަ ބުޑިސްޓް ނެޝަނަލިސްޓް ޕާޓީގެ ބާރު ވެސް އެބައޮތެވެ. 

ތަމަޅައިންގެ މައި ޕާޓީ ޓެމިލް ނެޝަނަލް އެލައެންސް އަކީ ވެސް ރާޖަޕަކްސަ އަށް އޮތް ނުރައްކަލެކެވެ. އެމީހުން ވެސް މުސްލިމުންނާ ގުޅިގެން ކެމްޕޭންކުރަމުން ދަނީ ސިރީސޭނާ އަށެވެ.

ކޮންމެއަކަސް ވާދަވެރިކަން ބޮޑުވެފައި އޮތް މި ރޭހުން ރާޖަޕަކްސަ ބަލިވެއްޖެ ނަމަ ސުލްހަވެރި ނިމުމެއް ނާންނާނެކަން ވެސް ޔަގީނެވެ. ރާޖަޕަކްސަ އަށް ސަޕޯޓްކުރާ ގްރޫޕްތަކުން ދަނީ މިހާރު ވެސް އިދިކޮޅު ފަރާތްތަކަށް އިންޒާރާއި ގެއްލުން ދެމުންނެވެ.