ދީން

ކީރިތި ޤުރްއާނުގެ އަލީގައި ޢިލްމުވެރިން

Nov 10, 2019
2

އެޑިޓަރުގެ ނޯޓް: މިއީ އަވަސް އޮންލައިން ގައި ޝާއިއުކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވާފައިވާ އެ މަނިކުފާނުގެ އަމިއްލަފުޅު އިލްމީ ލިޔުއްވުމެކެވެ. ރައީސް މައުމޫންގެ މި ލިޔުން ނޫހުގައި ޝާއިއުކޮށްފައި މިވަނީ އެ މަނިކުފާނު ލިޔުއްވެވި ގޮތަށް އެއްވެސް ބަދަލެއް އުނި އިތުރެއް ގެނައުމަކާ ނުލަ އެވެ.

މާތް اللّه ކީރިތި قرآن ގައި، ވަޙީ ކުރައްވާފައިވެއެވެ. [إِنَّـمَا يـَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَـٰۤــؤُاْ.] (فاطر : 28) މާނައީ: [ اللّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުތަކުންގެތެރެއިން علم ވެރިންނެވެ.]

މާތް اللّه އަށް ބިރުވެތިވުމަކީ، އީމާންކަމުގެ ބިންގަލެވެ. މާތް اللّه އަށް ބިރުވެތިނުވާ މީހަކު މުއުމިނަކަށް ނުވާނެއެވެ. އާޚިރަތް ދުވަހުން، ސުވަރުގެ ވަނުމުގެ މަތިވެރި ނިޢްމަތް ލިބޭނެ މީހުންނަކީ ކޮބައިކަން އަންގަވައި، މާތް اللّه ވަޙީ ކުރެއްވި އާޔަތެއްގެ މާނައިގައި ވެއެވެ. [(އެއީ) رحـمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ. (އެބައިމީހުންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން އަމާންކަމާއެކު އެ ސުވަރުގެއަށް ވަންނާށެވެ! އެއީ އަބަދަށް ދެމިތިބުމުގެ ދުވަހެވެ.] (قۤ: 33 - 34)

އާޚިރަތް ދުވަހުން، މާތް اللّه ގެ ތަނަވަސް رحـمة ގައި ޝާމިލުވެ ސުވަރުގެ ވަންނަ މީހުންނަކީ، އެކަލާނގެ حضرة އަށް ބިރުވެތިވެ، ތެދުވެރި ހިތަކާއިގެން އަންނަ މީހުން ކަމުގައިވާތީ، މާތް اللّه ގެ حضرة އަށް ބިރުވެތިވާ ބަޔަކީ ކޮބައިކަން ދެނެގަތުން ވަރަށް މުހިންމެވެ. އެއީ، އެފަދަ މާތް ނަސީބުވެރިންގެ ތެރެއިން އަޅުގަނޑުމެންވެސްވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށްޓަކައެވެ.

فاطر ސޫރަތުގެ 28 ވަނަ އާޔަތުގައި، މާތް اللّه ގެ حضرة އަށް ބިރުވެތިވާ މީހުންނަކީ، عالـم ން ކަމުގައި، ނުވަތަ علم ވެރިން ކަމުގައި ބަޔާން ކުރައްވާފައިވާތީ، علم އަކީ ކޮބައިކަމާއި، ޢާލިމުންނަކީ، ނުވަތަ ޢިލްމު ވެރިންނަކީ ކޮން ބައެއް ކަން ދެނެގަންނަން އެބަޖެހެއެވެ.
علم އަކީ، ޢަރަބި ލަފުޒެކެވެ. މާނައަކީ، އެނގުމެވެ. ނުވަތަ ދެނެގަތުމެވެ. عالـم އަކީވެސް ޢަރަބި ލަފުޒެކެވެ. މާނައަކީ، އެނގޭ، ނުވަތަ ދަންނަ މީހާއެވެ. ޢުލަމާއު އަކީވެސް ޢަރަބި ލަފުޒެކެވެ. މާނައަކީ، އެނގޭ ނުވަތަ ދަންނަ މީހުންނެވެ. އެހެންކަމުން، މި އާޔަތުން އެނގޭ ގޮތުގައި، މާތް اللّه އަށް ބިރުވެތިވާނީ، އެނގޭ ނުވަތަ ދަންނަ މީހުންނެވެ.

މި މަޤާމުގައި ދެކަމެއް ފާހަގަކޮށްލަން ޖެހެއެވެ. އެއްކަމަކީ، فاطر ސޫރަތުގެ 28 ވަނަ އާޔަތުގައި އައިސްފައިވާ [ إِنَّـمَا ] މި ލަފުޒަކީ، ޙަޞްރުގެ ލަފުޒެއް ކަމެވެ. ޢަރަބި ބަހުގެ ޤަވާޢިދު ބުނާގޮތުން [ޙަޞްރު] އަކީ، ކަމެއް ވަކި ފަރާތަކަށް އެކަނި ރައްދުކުރުމެވެ. އެފަރާތް ފިޔަވައި އެހެން ފަރާތަކަށް އެކަން ވާސިލު ނުކުރުމެވެ. އެހެންކަމުގައި ވެއްޖެނަމަ، މިއާޔަތުގެ މާނައަކީ اللّه އަށް ބިރުވެތިވާކަން ކަށަވަރީ [ހަމައެކަނި] ޢިލްމުވެރިންނޭވެސް ބުނެވިދާނެއެވެ. އެހެންނަމަވެސް، އެއީ މިއާޔަތުގެ މުރާދެއް ނޫންކަން އެނގެއެވެ. އެހެނީ، އަޅުގަނޑުމެންނަށް އަބަދު ފެނި ތަޖުރިބާ ކުރެވޭގޮތުގައި، ޢިލްމުވެރިން ނޫން މީހުންވެސް اللّه އަށް ބިރުވެތިވާކަން އެނގެއެވެ. އެއީ، واقع އެވެ. ނުވަތަ ކަން ހިނގަހިނގާ ހުންނަ ގޮތެވެ. ކަން ހިނގަހިނގާ ހުންނަ ގޮތަކާ ޚިލާފަކަށް ކީރިތި قرآن ގައި އެއްވެސް ކަމެއް އައިސްފައެއް ނޯންނާނެއެވެ. އެއީ ޔަޤީން ކަމެކެވެ. އަނެއްކަމަކީ، شرع ގެ އުސޫލުތަކަށާއި ސަލާމަތް ބުއްދީގެ ހަމަތަކަށް ބަލާއިރު، މިއާޔަތުގެ މުރާދަކީ، މާތް اللّه އަށް ޙައްޤު ގޮތުގައި، އަދި ބިރުވެތިވާންޖެހޭ އެންމެ ފުރިހަމަ ގޮތުގައި ބިރުވެތިވާނީ ޢިލްމުވެރިން ކަމުގައި އެންގެވުން ކަން އެނގެއެވެ. އެއީ، މާތް اللّه ގެ ކުޅަދުންވަންތަކަމުގެ ހެކިތައް އެންމެ ބޮޑަށް ފެނިގެންދާނީ، ނުވަތަ އެންމެ ބޮޑަށް ވަޒަން ކުރެވޭނީ ޢިލްމުވެރިންނަށް ކަމަށްވާތީއެވެ.

މިކަން މިހެން އޮތުމާއެކު، ދެން އުފެދޭ ސުވާލަކީ، އެނގޭ ނުވަތަ ދަންނަ މީހުން ކަމުގައި قرآن ގައި އެ އިޝާރަތް ކުރައްވަނީ، ކޮން އެއްޗެއް އެނގޭ ނުވަތަ ދަންނަ މީހުންނަށްބާއެވެ؟ މި ސުވާލެވެ. ބައެއް މީހުން ދެކޭގޮތުގައި، ޢިލްމުވެރިންނަކީ ދީނީ ޢިލްމު ޙާޞިލުކޮށްފައިވާ މީހުންނެވެ. ޝައްކެއް ނެތެވެ. ދީނީ ޢިލްމު، ނުވަތަ ޝަރްޢީ ޢިލްމު ހާސިލުކޮށްފައިވާ މީހުންނަކީ، ވަރަށް މުހިންމު ޢިލްމުވެރިންނެވެ. އެހެންނަމަވެސް، ޢިލްމުވެރިންނަކީ، ހަމައެކަނި ދީނީ ޢިލްމު، ނުވަތަ ޝަރްޢީ ޢިލްމު ހާސިލުކޮށްފައިވާ މީހުންތޯއެވެ؟ އެނޫން ބަޔަކު ޢިލްމުވެރިންގެ ތެރެއަކު ނުހިމެނޭތޯއެވެ؟

މިސުވާލުގެ ޖަވާބު ހޯދުމަށްވެސް އެންމެ ރަނގަޅު ގޮތަކަށްވާނީ، ކީރިތި قرآن އަށް ރުޖޫޢަވުމެވެ. ކީރިތި قرآن އާ ބެހޭ ވަރަށް ގިނަ ދިރާސާތައް ކުރައްވާފައިވާ އަޒްހަރުގެ ޢިލްމުވެރިޔަކު ވިދާޅުވެފައިވާ ގޮތުގައި فاطر ސޫރަތުގެ މިދެންނެވި އާޔަތުންނާއި އޭގެ ކުރީ އާޔަތުން (އާދެ! 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުން) އިޝާރަތް ލިބޭގޮތުގައި علم ވެރިންގެ ތެރޭގައި، ނުވަތަ ދަންނަ މީހުންގެ ތެރޭގައި އެކި ރޮނގުތަކުގެ ސައެންޓިސްޓުންވެސް ހިމެނެއެވެ.

މި ދެ އާޔަތުގެ މާނައިގައިވެއެވެ. [ހަމަކަށަވަރުން، اللّه އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމު ހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ. (27) އަދި މީސްތަކުންގެ ތެރެއިންނާއި، ދިރޭ ތަކެތީގެ ތެރެއިންނާއި، ނަޢަމް ސޫފީގެ ތެރެއިންވެސް، ހަމައެފަދައިން ކުލަތައް ތަފާތުވެގެންވާ ތަކެތި ވެއެވެ. اللّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުތަކުންގެ ތެރެއިން علم ވެރިންނެވެ. ހަމަކަށަވަރުން، اللّه އީ عزيز ވަންތަ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ. (28)]

ވާރޭވެހުމަކީ، މޫސުމާބެހޭ ޢިލްމުން، ނުވަތަ މީޓިއޮރޯލޮޖީއިން، އެނގޭ އެއްޗެކެވެ. މޭވާއަކީ، ގަސްގަހާގެއްސާބެހޭ ސައެންސުން އެނގޭ އެއްޗެކެވެ. ފަރުބަދަތަކަކީ، ޖިޔޯލޮޖީ ނުވަތަ ބިންގަނޑާބެހޭ ޢިލްމުން އެނގޭ އެއްޗެކެވެ. އަދި މީސްތަކުންނާއި ނަޢަމް ސޫތްޕަކީ، ބަޔޯލޮޖީ ނުވަތަ ދިރޭ ތަކެއްޗާބެހޭ ސައެންސުން އެނގޭ އެއްޗެކެވެ.

އިސްވެ ދެންނެވި އަޒްހަރުގެ ޢިލްމުވެރިޔާ ވިދާޅުވާ ގޮތުގައި، މާތް اللّهއަށް ބިރުވެތިވާކަން ކަށަވަރީ علم ވެރިން ކަމުގައި އަންގަވާފައިއެވަނީ، އޭގެ ކުރިން އެހުރިހާ ސައެންސްއަކަށް އިޝާރަތް ކުރެއްވުމަށްފަހުގައެވެ. މިކަމުން އެނގޭ އެއްޗަކީ، علم ވެރިންގެ ތެރޭގައި އެހުރިހާ ރޮނގުތަކުގެ އާދެ! ކައުނީ ޢިލްމުތަކުގެ ޚާއްޞަ މީހުން ހިމެނޭކަމެވެ. އެހެންކަމުން علم ވެރިންނަކީ، ހަމައެކަނި شرعى علم ތައް ކިޔަވައިގެން ތިބޭ މީހުންނެއް ނޫނެވެ. علم ވެރިންގެ ތެރޭގައި މެޑިސިން، ބަޔޯލޮޖީ، އެސްޓްރޯ ފިޒިކްސް، ކޮސްމޯލޮޖީ، ޖިއޯލޮޖީ، މީޓިއޮރޯލޮޖީ، މެތެމަޓިކްސް، އަދި އިޖްތިމާޢީ ޢިލްމުތަކާއި ބަސްބަހާބެހޭ ޢިލްމުތައް ފަދަ އެކިއެކި ޚާއްޞަ ރޮނގުތަކުގެ ޢިލްމު ހޯދާފައިވާ މީހުންވެސް ހިމެނޭނެނެވެ.

މިކަމަށް ތާއީދު ލިބޭ ވަރަށް ގިނަ އާޔަތްތައް ކީރިތި قرآن ގައި ވެއެވެ. އައްރޫމް ސޫރަތުގެ 22 ވަނަ އާޔަތުގެ މާނައިގައިވެއެވެ. [އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެކަމުގައި، (އެފަދަ ކަންތައް) ދަންނަ މީހުންނަށް ހެކިތަކެއް ވާކަން ކަށަވަރެވެ.]
އައްރަޢްދު ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައިވެއެވެ. [އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެބިމުގައި ހަރުލާ ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރު ކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ.]

ހަމަ އެ ސޫރަތުގެ 4 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. [އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.]

އާލްޢިމްރާން ސޫރަތުގެ 190 ވަނަ އާޔަތާއި 191 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. [ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ. އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސް طاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!]

قۤ ސޫރަތުގެ 6 ވަނަ އާޔަތާއި، 7 ވަނަ އާޔަތާއި، 8 ވަނަ އާޔަތާއި، 9 ވަނަ އާޔަތާއި، 10 ވަނަ އާޔަތާއި، 11 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. [ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުންކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ. އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. (އެއީ ތިމަންރަސްކަލާނގެއަށް) توبة ވާ ކޮންމެ އަޅަކަށް عبرة އެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. އަދި މަތިމައްޗަށް ހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) (އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންރަސްކަލާނގެ ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ.]

މިހުރިހާ އާޔަތްތަކުގައި ދަންނަ މީހުންނަށާއި، ފިކުރު ކުރާ ބަޔަކަށާއި، ވިސްނާ ބަޔަކަށާއި، ކަންތައްތައް ފުންކޮށް ދިރާސާކުރާ މީހުންނަށް މި ބިޔަ ބޮޑު ކައުނުގައި ލައްވާފައިވާ މާތް اللّه ގެ ކުޅަދުންވަންތަކަމުގެ ހެކިތައް ފެންނާނެ ކަމަށް އަންގަވާފައިވާތީ، އެހުރިހާ ބާވަތެއްގެ ތަކެތި ދެނެގަނެވޭ ރޮނގުތަކުގެ ޚާއްޞަ މާހިރުންނަކީ، ޢިލްމުވެރިންގެ ތެރެއިން ހިމެނޭ ބައެއްކަން އޮޅުމެއްނެތި އެނގެއެވެ.
ޝަރްޢީ ޢިލްމުތައް ޙާސިލުކޮށްފައިވާ މީހުންގެ އިތުރުން، އެހެނިހެން ރޮނގުތަކުގެ މަޢުލޫމާތު ޙާސިލުކޮށްފައިވާ މީހުންވެސް ޢިލްމުވެރިންގެ ތެރޭގައި ހިމެނުނު ކަމުގައި ވިޔަސް، ކޮންމެ ކަމެއްގައިވެސް ފަހުބަސް ބުނުމުގެ ޙައްޤު އޮންނާނީ، އެކަމަކާ ބެހޭ ޚާއްޞަ ރޮނގުގެ މާހިރުންނަށެވެ. މިސާލަކަށް ދީނީ ކަންކަމުގައި ފަހުބަސް ބުނުމުގެ ޙައްޤު އޮންނާނީ ދީނީ ޢިލްމުވެރިންނަށެވެ. ބަލިބައްޔާ ބެހޭ ކަންކަމުގައި ޑަކްޓަރުންނަށެވެ. ބަހާބެހޭ ކަންކަމުގައި ލިންގުއިސްޓުންނަށެވެ. النّحل ސޫރަތުގެ 43 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. [ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން އެކަމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!]

މިހުރިހާ ކަމަކަށް އިޝާރަތް ކުރައްވާ މާތް اللّه ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. [ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟] (محمّد : 24)
ޢަރަބި ބަހުގައި ޢާންމުކޮށް ޢިލްމު މި ލަފުޒު ބޭނުން ކުރަނީވެސް، ސައެންސްގެ މާނަ ހިމެނޭ ގޮތަށެވެ. އެހެންކަމުން، ޢަރަބި ބަސް ދަންނަ، ނުވަތަ ޢަރަބި ބަހުން ވާހަކަ ދައްކާ ކޮންމެ މީހަކުވެސް، ޢިލްމު މި ލަފުޒު ބޭނުން ކުރާނީ ސައެންސްވެސް ހިމެނޭގޮތަށެވެ. މިފުރުޞަތުގައި ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އިސްލާމްދީން ނޫން އެހެން ދީންތަކުގެ އަހުލުވެރިންގެތެރެއިންނާއި، އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުންގެ ތެރެއިން، ވަރަށް ގިނަ ސައެންޓިސްޓުން، އެމީހެއްގެ ޚާއްޞަ ޢިލްމުގެ ތެރެއަށް ވަދެވުނު ވަރަކަށް، މާތް اللّه ކައުނުގައި ލައްވާފައިވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ ސިއްރުތައް އެނގުމުން، އެކަލާނގެއަށް އީމާންވެ އިސްލާމްވަމުން ދާކަމެވެ. މިދެންނެވި ސައެންޓިސްޓުން އެބައިމީހުން އިސްލާމްވި ސަބަބާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުން މިކަން ވަރަށް ރަނގަޅަށް ބަޔާންވެ ހާމަވެގެން ދެއެވެ.