ލައިފްސްޓައިލް

ހިރާ ސްކޫލުގެ ގްރެޖުއޭޝަން ބަލާބަލަ! ވަރަށް ތަފާތު

ކުޑަކުދިންގެ ގްރެޖުއޭޝަން ހަފްލާ ތަކަކީ އެ ކުދިންގެ ހަޔާތުގައި އަންނަ އެންމެ މުހިއްމު އެއް ދުވަހެވެ. ސްކޫލް ނިމޭ ދުވަހު ހުރިހާ ޓީޗަރުން އެ ކުދިންނަށް ދޭ ހަދިޔާ ތަކާއި ބޮލުގައި އަޅުވާފައި ހުންނަ ތާޖުތަކުގެ އިތުރުން ރީތިކޮށް ޒީނަތްތެރިކޮށްފައި އޮންނަ ރިޕޯޓު ފޮތްވެސް ވަަރަށް ހާއްސަ ވާނެ އެވެ. ކޮންމެ ސްކޫލަކުންވެސް މި ދުވަހަށް ކުރިއާލާ ތައްޔާރުވެ އެވެ. ތަފާތު ހަދިޔާ ތަކުގެ އިތުރުން އެ ދުވަހު ކުދިންގެ މޫނުމަތިން ފެންނަ މަންޒަރުތަކުން އެކަނިވެސް ހިތް ފުރާލަ އެވެ.

ކުރިއަށް އޮތް ދިރާސީ އަހަރަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނަ އިރު، އެހެން ސްކޫލަތެކެކޭ ވެސް އެއް ގޮތަށް ރާއްޖޭގެ އެންމެ ދެކުނަށް އޮތް އައްޑޫގައި ހުންނަ ހިރާ ސްކޫލުގެ ގްރެޖުއޭޝަން ހަފްލާވެސް ވަނީ ބާއްވައިފި އެވެ. މި ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާ އެ ސްކޫލްގެ ގްރެޖުއޭޝަން އެތައް ބަޔަކަށް ކަމުދިޔަ އެވެ. ހަފްލާ ވަރަށްވެސް ތަފާތެވެ. ބައެއް ފަހަރު މިއީ ރާއްޖޭގެ މަންޒަރުތަކެތޯ ސުވާލުވެސް ކޮށްލެވެއެވެ. ހިރާ ސްކޫލު ކުދިންނަށް ހާއްސަ ކޮށް ބޭއްވި ގްރެޖުއޭޝަން އޮތީ އައްޑޫގެ ރިވެތި ނޭޗާ ޕާކުގަ އެވެ.

ހިރާ ސްކޫލުގެ 50 އަކަށް ތުއްތު ދަރިވަރުން އެދުވަހު ގްރެޖުއޭޓް ވާން ދިޔައީ ނޭޗާ ޕާކަށެވެ.

ހަލްފާ ފެށީ ކެނޯ ރައިޑް އަކުންނެވެ. ކްލާހުގެ ނަން ފާހަގަވާ ގޮތަށް ހަރުކޮށްފައި ހުރި ކެނޯ ތަކަށް އަރުވައިގެން ފަލި ޖަހަމުން މުޅި އެ ސަރަހައްދު ދައްކާލަމުން ދިޔައީ އެ ކުދިންގެ އާންޓީންނެވެ. ކެނޯ ރައިޑް އަށްފަހު ގެންދިޔައީ ރަސްމީ ހަފްލާ އަށް ނޭޗާ ޕާކުގައި ހުންނަ ވިޒިޓާސް ސެންޓަރަށެވެ.

ކުދިންގެ ބެލެނިވެރިން ހަފްލާއަށް އައިސް އެ ސެންޓަރުގައި އެވަގުތު ތިއްބެވެ. ސެޓްފިކެޓުތައް ހަވާލު ކުރުމަަށްފަހު ފޮޓޯ ނެގުމުގެ ހަރަކާތްތައް ކުރިއަށް ދިޔަ އެވެ. ނޭޗާ ޕާކުގެ މުޅި ސަރަހައްދު އެއްކޮށް އޮތީ އެ ކުދިންނަށް ހާއްސަ ކޮށްފަ އެވެ. މަރުހަބާގެ ލިޔުންތަކާއި އެ ކުދިންނަށް ހާއްސަކޮށް އުފާވެރި ބަސް ތަކުން ޒީނަތްތެރިކޮށްފަ އެވެ.

މިއީ ހިރާ ސްކޫލުގެ ޒުވާން ޓީޗަރުންންނާއި ސްކޫލު މެނޭޖުމަންޓުގެ އިސް ނެގުމާއެކު ކުރިއަށްގެންދިޔަ ހަފްލާ އެކެވެ. ރާއްޖޭގައި އާއްމުކޮށް ހޯލުގައި ބާއްވާ ގްރެޖުއޭޝަން ހަފްލާތަކަށް ނޫނެކޭ ބުނެ މި ސްކޫލުން ބޭނުންވީ ތަފާތު ދައްކާލާށެވެ. ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވި ގޮތުގައި، އެ ސްކޫލުން ކޮންމެ އަހަރަކުވެސް ގްރެޖުއޭޝަން ހަފްލާ ބާއްވަން ތަފާތު ހަރަކާތެއް ވިސްނަ އެވެ. އަދި ކޮންމެ އަހަރަކުވެސް ހަފްލާ ބާއްވަމުން އައީ އައުޓްޑޯ ސަރަހައްދެއްގައި ކަމުން މި އަހަރު ނޭޗާ ޕާކަށް ދާން ނިންމީ އެވެ.

"ހިރާ ސްކޫލު ހުރިހާ ޓީޗަރުން އެކުގައި މުޅި ސަރަހައްދު ރީތިކޮށް ގްރެޖުއޭޝަން ހަފްލާ ބޭއްވީ. ކުދިންނާ ބެލެނިވެރިންވެސް ވަރަށް ހިތްހަމަ ޖެހިފަ ހުރީ. ކޮންމެ އަހަރަކުވެސް މިކަހަލަ ތަފާތު ގޮތަކަށް ގްރެޖުއޭޝަން ބާއްވަނީ" ޕްރިންސިޕަލް ވިދާޅުވި އެވެ.

ހިރާ ސްކޫލުގެ މި ގްރެޖުއޭޝަން ހަފްލާ އިން އެތައް ބަޔަކަށް އައްޑޫގެ ރީތިކަންވެސް މިވަނީ ދައްކުވައިދީފައެވެ. އާއްމުކޮށް ގްރެޖުއޭޝަން ކޯޓުގައި ތޮފި އަޅައިގެން ހުރެ ނަގާ ފޮޓޯތަކުގެ މަންޒަރުވެސް ބަދަލުކޮށްލި އެވެ. އަދި މިއީ ރާއްޖޭގައި ކުޑަކުދިންނަށް ހާއްސަކޮށް ބޭއްވި ހަފްލާ އެއް މިހާ ކުލަގަދަކޮށް ބޭއްވި ފުރަތަމަ ފަހަރެވެ.