އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ޓްރެޒަރީ ބޮންޑެއް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށްޓަކައި ފައިސާ ރައްކާ ކުރެވިފައިވާ ނިޒާމެއް ނެތުމުން އަންނަ އަހަރުގެ ބަޖެޓް ޑެސިފިޓް ހަމަސައްޖަން ނިންމާފައި ވަނީ ޓްރެޒަރީ ބޮންޑާއި ޓީބިލް ވިއްކައިގެން ކަމަށެވެ.
އެ ގޮތުން ރާއްޖޭން ބޭރަށް ވިއްކާ ބޮންޑަކަށް އޮތީ ޖަޕާނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ސަމުރާއީ ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮޑެވެ.
"[ބޮންޑު ވިއްކުމުގެ] އެ މަސައްކަތް މިހާރު ވެސް އެބަ ކުރިއަށް ގެންދަން. އެއީ ޖަޕާންގެ މާރުކެޓަށް އަޅުގަނޑުމެން ވިއްކާ ސަމުރާއީ ބޮންޑެއް. މިހާރު އަޅުގަނޑުމެން ސަރުކާރުން ވިއްކާފައި ހުރި ރޭޓަށްވުރެ މާ ރަނގަޅު ރޭޓެއްގައި އަޅުގަނޑުމެންނަށް މި ލިބިގެންދޭ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އެ ބޮންޑުގެ އިންޓެރެސްޓް ރޭޓްގެ ގޮތުގައި މިހާރު ކަނޑައެޅިފައި ވަނީ 0.75 ޕަސެންޓެވެ. ގެރެންޓީ ފީއާއި މެނޭޖްމަންޓް ފީއާއެކު އެ އަދަދަށް ކުޑަ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ އެ ބޮންޑު ވިއްކަނީ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއް ހިމެނޭ ގޮތަށެވެ. ޓްރާންޗަކީ ސެކިއުރިޓީސް ވިއްކާއިރު އެއް މާލީ މުއާމަލާތެއްގެ ގޮތުގައި އެކަމަކު އެކި ފަހަރު މަތިން ފައިސާ ދައްކާ ގޮތަށް ވިއްކާ ޑީލެކެވެ.
"ތިންސަތޭކަ މިލިއަން ޑޮލަރު އަޅުގަނޑުމެން އެއްފަހަރާ ޕްލޭސްކުރާނީ. އެކަމަކު ތިން ޓްރާންޗެއްގެ ގޮތުގައި. އެއީ 8 އަހަރުން މެޗުއާވާ އެއްޗަކާއި 9 އަހަރުން މެޗުވާއާ ގޮތަށާއި 10 އަހަރުން މެޗުއާވާ ގޮތަށް. އެހެންވީމަ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއް ހިމެނޭ،" އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގައި ބަޖެޓް ޑެފިސިޓްގެ ގޮތުގައި ވަނީ 5.6 ބިލިއަން ރުފިޔާ އެވެ. ޑެފިސިޓް ހަމަޖައްސަން ބޭނުންވާ އިތުރު 563 މިލިއަން ރުފިޔާ ޓީ ބިލްގެ ގޮތުގައި ވިއްކުމަށް ހަމަޖެހިފައިވެ އެވެ. ޓީބިލް ވިއްކާނީ މިހާރު ވެސް އެމްއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ.