ވިޔަފާރި

ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިވިޔަކަ ނުދޭނަން: އިންޑިއާ

އިންޑިއާގެ ބާޒާރުގައި ފިޔާ މަދުވެގެން އެހެން ގައުމުތަކުން އިންޑިއާއަށް ފިޔާ އިމްޕޯޓް ކުރަން ޖެހުނަސް އިންޑިއާއިން ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރުމުގައި ދަތިތަކާ ކުރިމަތިވިޔަ ނުދޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނެފި އެވެ.

އިންޑިއާގެ ފިޔާ ދަނޑުތަށް ހަލާކުވެފައިވާތީ އެ ގައުމުގައި ފިޔާގެ އަގު ވަނީ ބޮޑުތަނުން އުފުލިފަ އެވެ. އަގު ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާއިން ވަނީ އެހެން ގައުމަކުން 100،000 ޓަނުގެ ފިޔާ އެ ގައުމަށް އިމްޕޯޓް ކުރުމަށް ނިންމާފަ އެވެ. ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެ ކުރަނީ އިންޑިއާ އިންނެވެ.

މިދޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އިންޑިއާގައި ދިމާވި އޮޕަރޭޝަނަލް މައްސަލަތަކެއްގެ ސަބަބުން ރާއްޖެއަށް ފިޔާ ލިބުމަށް ވަނީ ދަތިވެފަ އެވެ. އޭރު ބާޒާރުން ފިޔާ ކިލޯއެއް ވިއްކަމުން ދިޔައީ އާންމު އަގަށް ވުރެ ބޮޑުކޮށެވެ. އޮކްޓޫބަރު މަހު ރާއްޖޭއަށް ފިޔާ ނުލިބި ދަތިވީ ބޯޓަށް ފިޔާތަށް ބަރު ނުކުރެވި ހިނގައި ދިޔަ މިސްކޮމިއުނިކޭޝަނެއްގެ ސަބަބުންނެވެ.

ރާއްޖެއަށް ފިޔާ އެތެރެކުރުމާއި ގުޅޭ ގޮތުން އިންޑިއާގެ ސަރުކަރާއި ރާއްޖެއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ހާއްސަ އުސޫލެއްގެ ދަށުން ފިޔާ އެތެރެ ކުރެވެން ހުންނާނެ އެވެ.