ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސަރުކާރު އުފެދިގެން އައިގޮތް ހަނދާން ބަހައްޓަން ޖެހޭ: ރައީސް

ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

"މިމަހުގެ 17 ވަނަ ދުވަސް ވެގެންދާނީ ދިވެހި ޖުމްހޫރިއްޔަތުގެ ހަތްވަނަ ވެރި ކަމަށް އެއް އަހަރު ފުރޭ ދުވަހަށް. ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދު ވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެ. އަދި ރިޔާސީ އިންތިޚާބުގައި މި ސަރުކާރަށް ވޯޓްނުދޭ ރައްޔިތުންތަކެއް ތިބިކަން އެންމެ ވަގުތުކޮޅަށް ވެސް އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ނުވާނެ. ނަމަވެސް މި ސަރުކާރުން މަޝްރޫއުތައް ހިންގާ، ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް އެއްވެސް މީހަކު ބާކީކޮށްގެން ނުވާނެ. އަޅުގަނޑު މިއަދުވެސް ޔަގީންކޮށް އަރުވާނީ މި ސަރުކާރު ދެމި އޮންނާނީ އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައިކަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރޭއިރު ނިމިގެންދަނީ ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ފެނާ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތާއި، ބޯހިޔާވަހިކަމަށްވެސް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ 51 ވަނަ ޖުމްހޫރީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަސް ވެގެންދާނީ ދިވެހި ޖުމްހޫރިއްޔަތުގެ ހަތްވަނަ ވެރިކަމަށް އަހަރު ފުރޭ ދުވަސް ކަމަށެވެ. މި ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދުތަކަކާއެކު ވެރިކަމަށް ގެނައި ސަރުކާރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

މި ސަރުކާރު ހިނގަމުން ގެންދަނީ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ޚިޔާލުފުޅާ މަޝްވަރާގެ މަތިންކަން ފާހަގަކުރައްވާ، ރައީސް ނަޝީދާއި، ރައީސް މައުމޫނާއި، ގާސިމް އިބްރާހިމް އަދި ޝައިޚް އިމްރާން އަބްދުﷲ އަށް ރައީސް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ސިޔާސީ މަންފާއަށް ގައުމާއި ރައްޔިތުން ދަރަނިވެރިކުރުވުމަށްފަހު އެއްވެސް މަޝްރޫއެއް ނުހިންގަވާނެ ކަމަށް ވިދާޅުވި އެވެ.

މިމަހުގެ 17ވަނަ ދުވަސް ވެގެންދާނީ ދިވެހި ޖުމްހޫރިއްޔަތުގެ ހަތްވަނަ ވެރިކަމަށް އެއް އަހަރު ފުރޭ ދުވަހަށް. ރައްޔިތުން މި ސަރުކާރު އިންތިޚާބުކުރި ސަބަބާއި، މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެ. އަދި ރިޔާސީ އިންތިޚާބުގައި މި ސަރުކާރަށް ވޯޓްނުދޭ ރައްޔިތުންތަކެއް ތިބިކަން އެންމެ ވަގުތުކޮޅަށްވެސް އަޅުގަނޑުމެންގެ ހަނދާނުން ކައްސާލައިގެން ނުވާނެ. ނަމަވެސް މި ސަރުކާރުން މަޝްރޫއުތައް ހިންގާ، ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކޮށް އެއްވެސް މީހަކު ބާކީކޮށްގެން ނުވާނެ. އަޅުގަނޑު މިއަދުވެސް ޔަގީންކޮށް އަރުވާނީ މި ސަރުކާރު ދެމި އޮންނާނީ އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައިކަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ މުޖްތަމައު އަމާންކުރުމުގައިވެސް ވޭތިވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. ނިމިގެންދިޔަ 6 އަހަރުތެރޭ 21 މީހަކު ގޭންގު ކުށްތަކުގައި މަރުވެފައިވާއިރު ނިމިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގޭންގު ކުށްތަކުގައި އެއްވެސް މީހަކު މަރުވެފައިނުވުމަކީ މާތްﷲގެ ރަހުމަތްފުޅުން ސުލްހަ މަސަލަސްކަން ގާއިމްވެގެންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ސަބަބަކާއި ގުޅިގެން ނަމަވެސް ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރީ ވެރިކަމަށް ބަދަލުވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ހެޔޮ ބަދަލެއް ކަމަށެވެ.