ޖުމްހޫރީ ދުވަސް

ހާއްސަ އިނާމު ލިބުނު 39 ބޭފުޅަކަށް މެޑަލް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް މިރޭ 39 ބޭފުޅަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމު ދީފައިވަނީ ޖުމްހޫރީ ދުވަހުގެ ޝަރަފުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހާއްސަ އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް ރައީސް ދެއްވީ މެޑެއްޔާއި ހަނދާނީ ފިލާ އެވެ.

ހާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލްކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. އަދި ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފެއް ހޯއްދަވާފައިވާ 6 ބޭފުޅުންނެވެ. މީގެ އިތުރުން ގައުމީ ކުޅިވަރު ދެ ޓީމެއްވެސް ހިމެނެ އެވެ.

ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ބޭފުޅަކީ ރ. ހުޅުދުއްފާރު އޯކިޑްވިލާ ޑޮކްޓަރު ޔޫސުފް ނިޒާމް އެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު ހާސިލު ކުރެއްވީ 32 ބޭފުޅުންނެވެ. އެބޭފުޅުންގެ ތެރޭގައި މާސްޓާޒް ޑިގްރީ ހާސިލުކުރެއްވި 18 ބޭފުޅުންނާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލު ކުރެއްވި އެއް ބޭފުޅަކާއި، ބެޗްލާޒް ޑިގްރީ ހާސިލުކުރެއްވި 13 ބޭފުޅުން ހިމެނެ އެވެ.

ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ ހަތް ބޭފުޅެކެވެ.

މީގެއިތުރުން ހިމެނެނީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިވެންޓުން ޗެމްޕިއަންކަން ހޯދައި ގޯލްޑް މެޑެލް ހާސިލުކުރި ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ރަން މެޑެލް ހާސިލުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު މިއަހަރު އެއްވެސް ފަރާތަކަށް ލިބިފައި ނުވެ އެވެ.

މިރޭގެ ޖަލްސާގައި، ކީރިތި ގުރްއާން ހިތުދަސް ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލްކުރެއްވީ 16 ހާފިޒުންނެވެ. އެވޯޑު ލިބުނު ފަރާތްތަކުގެ ތެރެއިން އެންމެ ހަގީ ޝާޔާ ޒާހިރު އެވެ. އޭނާ ވަނީ އުމުރުން ނުވަ އަހަރުގައި ގުރުއާން ހިތު ދަސްކޮށްފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރީ ހަ ދަރިވަރުންނެވެ. އަދި 2018 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންގެ އަދަދަކީ 11 އެވެ.

އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް އިނާމު ހަވާލު ކުރުމަށްފަހު ރައީސް ވިދާޅުވީ، މުޖްތަމައުގައި އުޅޭ ހުނަރުވެރި ޒުވާނުންގެ އަގު ސަރުކާރުން ވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ޒުވާނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެ ޒުވާނުންނަށް ހާއްސަ އިނާމަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ހާއްސަ އިނާމާ ބެހޭ ކޮމިޓީއަށް ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.