ހަބަރު

ކުޅުދުއްފުށި ފެހިކުރަން ކައުންސިލުން އިސްނަގައިފި

Nov 10, 2019
1

ހދ. ކުޅުދުއްފުށީ ބޮޑެތި މަގުތައް ފެހި ކުރުމުގެ މަސައްކަތް އެ ރަށުގެ ކައުންސިލް އިދާރާއިން އިސްނަގައިގެން މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައި ފެހިކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއްގެ ދަށުން "ރަށްފެހި" ނަމުގައި ޕްރޮގްރާމެއް ފެށި އެވެ. މިއަދު ކުޅުދުއްފުށީގައި ގަސް އިނދުމުގެ ހަރަކާތްތެއް ކުރިއަށް ދިޔައީ އެ ރަށުގައި އެ ޕްރޮގްރާމް ފެށުމުގެ ގޮތުންނެވެ.

މިޕްރޮގްރާމް ކުޅުދުއްފުށީގައި ފައްޓަވައި ދެއްވާފައިވަނީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހސަންނެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ސްޓާފުންނާއި ކައުންސިލް މެމްބަރުން ހިމެނިގެންދިޔަ މިހަރާކާތުގެ ތެރެއިން މިއަދު ކުޅުދުއްފުށި އަމީނީމަގުގައި ހިޔާ ލިބޭ 20 ގަސް ވަނީ އިންދިފައިވެއެވެ. ކުރިޔަށް އޮތްތާގައި މިޕްރޮގްރާމް އިތުރަށް ފުޅާކޮށް މުޅިރަށް ފެހިކުރުމުގެ ހަރަކާތެއް، ރަށުގެ އެންމެހައި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ހަރަކާތްތަކުގެ ތެރެއިން އިންދާގަސްތަށް ބަލަހައްޓައި ހިމާޔަތްކުކުރުމުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ކައުންސިލްގެ ރައީސް މިއަދު ބާރުއެޅުއްވިއެވެ.

ރަށުގައި ހިޔާލިބޭ ގަސް ގިނަވެގެން ދިއުމަކީ ރަށުގެ ހަނަފަސްކަން ކުޑަކޮށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނޭ ކަމެކެވެ. މިގޮތުން ހިޔާ ލިބުމާއި ހިތްހަމަޖެހުން އިތުރުކޮށްދިނުމާއި ރަށުގެ ހޫނުކަން ކުޑަކޮށްދިނުން ހިމެނެއެވެ. ހަމަ މިގޮތުން ރަށުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށްވެސް ގަސްތަކުން އެހީ ލިބެއެވެ. މަގުތަކުން އަރާ ހިރަފުހާއި ދުއްވާއެއްޗެހި ގިނަވުމުގެ ސަބަބުން ވައިނުސާފުވުމުގެ މައްސަލަވެސް ގަސްތަކުން ކުޑަކޮށްދެއެވެ.