ޝަރުއީ ދާއިރާ

ނުފޫޒެއް އޮތްނަމަ ތަނާޒުލް ވާންޖެހޭ: ފާއިޒް

މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތް ނަމަ އެ މައްސަަލައަކުން ތަނާޒުލު ވާންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.

ފާއިޒް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ ވެރިން މަސައްކަތް ކުރެއްވި ކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވީ ޖޭއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑްކުރުމުން ދިފާއުގައި ނެރުނު ބަޔާނެއްގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތް ނަމަ ދެ މަގެއް އިޚުތިޔާރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެއީ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ނުފޫޒުގެ މައްސަލަ ގެނައުން ނުވަތަ އެ މައްސަަލައަކުން ތަނާޒުލުވުން ކަމަށެވެ.

"މަދުން ނަމަވެސް މި ދެ ގޮތަށް އަމަލު ކޮށްފައި އެބަހުރި. ނޫފުޒު ފޯރުވަނީ ބާރުގަދަ ފަރާތަކުން ކަމުގައި ވާނަމަ، ތަނާޒުލުވުން ނޫންގޮތެއް ނޯންނާނެ." ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ނުފޫޒު ފޯރުވާކަން އެނގިހުރެ، އެކަން ވަންނާކޮށް ހުރެ އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށާ އެއީ އެނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.

" ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތް މަތީގައި ހުރެ ދިފާއުއެއް ގޮތުގައި ކުރާ ތުހުމަތު ވެގެން ދާނީ ހުސް ތުހުމަތަކަށް."

ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހީކޮށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ސަރުކާރުގެ އިސް ބޭފުޅުން އެންމެ ބޮޑަށް ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ކަމަށެވެ. ހުކުމް އިއްވުމުގެ އަޑުއެހުން އޮތީ ފަސް ވަނަ ދުވަހަށެވެ.

"ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުން، އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އަލްހާންއާއެކު ހިނގި ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގައި އެބަ އޮތްކަމާއި ހުކުމްގެ ކަށަވަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެ ކަމުގެ އިންޒާރު ވެސް ދިން، އަދި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވެސް ދިން،" ހައިލަމް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.